ތިމަރަފުށީ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ: ރައީސް

ތިމަރަފުށީ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2021 08:07
0

ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނުފެށި ލަސްވެފައިވަނީ ކޯވިޑްގެ ސަބަބުންކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިރޭ ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީގައި ކުރިޔަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށާއި، ދާދިފަހުން ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރެވިފައިވާކަމަށާއި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ފާހަގަކުރެއްވިއެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި، އެއަރޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާކަމާއި، މި ސަރަޙައްދުގައި ފަތުރުވެރިކަމުގެ މާ ގިނަ ފުރުޞަތުތަކެއް ނެތުމުން ދިމާވާ އިޤްތިޞާދީ ދަތިތަކާއި، މަގުހެދުމުގެ މަޝްރޫޢު ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާއި، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނުފެށި ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުންކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމަކާއެކީ އެކަން ކުރެވޭނެ ގޮތެއް ބަލައިދެއްވާނެކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް މިއަންނަ އަހަރަށް ބަޖެޓްކުރެވޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި މި ރަށުގެ ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑިންގ މަސއްކަތް މީހާރަށް ބޭނުންވާނެކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، މެދު ފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާވާފައިވާ މަޝްރޫޢުގައި ހިމަނައިގެން މިރަށުގައިވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތްތާގައި ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ތިމަރަފުށީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.