ތާލިބާން ހަގުރާމަވެރިން އަފްއާނސްތާންގެ ރިޔާސީ ގަނޑުވަރު ތެރޭގައި

ހަގުރާމަ ނިމިއްޖެކަން ތާލިބާނުން އިއުލާން ކޮށްފި

ހަގުރާމަ ނިމިއްޖެކަން ތާލިބާނުން އިއުލާން ކޮށްފި

އަފްއާނިސްތާނުގައި ހުޅަގުގެ ގައުމުތަކުން ގާއިމް ކޮށްފައިއޮތް ސަރުކާރު ވެރިކަމުން ދުރުކޮށް، ވެރިރަށް ކާބުލް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، އަދި ރިޔާސީ ގަޑުވަރުވެސް އެމީހުންގެ ބާރުގެދަށަށް ގެނެސް، 20 އަހަރުވަންދެން ކުރަމުން އައި ހަގުރާމަ މިހާރު ނިމިއްޖެކަން ތާލިބާނުން އިއުލާން ކޮށްފިއެވެ.

ހަގުރާމަ ނިމިއްޖެކަން ތާލިބާނުން އިއުލާން ކޮށްފައިވާއިރު، އެގައުމުގެ ރައީސް ކަމުގައި ހުންނެވި އަޝްރަފް ޢަނީ ވަނީ، ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ހިޖުރު ކުރައްވާފައެވެ. ޢަނީ ވިދާޅުވެފައިވަނީ، ގައުމު ދޫކުރައްވާ ވަޑައިގެންނެވީ ވެރިރަށް ކާބުލްގައި ބޮޑު ލޭއޮހޮރުވުމެއް ހިގައިގެންދިޔަ ނުދިނުމަށްޓަކާ ކަމުގައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތާލިބާނުން ރިޔާސީ ގަޑުވަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، ވެރިރަށް ކާބުލްގެ މަގުތަކަށް ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައެވެ. އަދި މަގުތަކުން ހަމައެކަނި ފެންނަމުންދަނީ ހަތިޔާރު އަޅައިގެން ތިބި ތާލިބާންގެ ހަގުރާމަވެރިން އެކަނި ކަމުގައެވެ.

ފާއިތިވެދިޔަ ދެމަހެއްހާ ދުވަހުގެތެރޭގައި އަފްއާން ސަރުކާރާ ދެކޮޅަށް ތާލިބާން ހަގުރާމަވެރިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، މުޅި އަފްއާނިސްތާން ކަހަލަ ގޮތަކަށް މިހާރު ތާލިބާނުންގެ ބާރުގެދަށަށް އައިސްފައިވާއިރު، އެގައުމުގައި ތިބި ގައުމުން ބޭރުގެ ސިފައިން ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ބައެއް ގައުމުތަކުން ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން ގައުމު ދޫކޮށް ދާން ބޭނުންވެފައިތިބި އެތައްބަޔަކު ވަނީ، ފުރައިގެންދާނެ އެއަރލައިނެއްގެ އިންތިޒާރުގައި ކާބުލްގެ އެއަރޕޯޓަށް ޖަމާވެފައެވެ.

ތާލިބާނުންގެ ސިޔާސީ ގޮފީގެ ތަރުޖަމާނަކު އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، އެޖަމާއަތުން އަފްއާނިސްތާނުގެ ވެރިކަމާ ހަވާލުވާއިރު، ދުނިޔެއިން ބާކީވެފައިވާ ގައުމެއްގެ ގޮތުގައު އޮތުމަށް ތާލިބާން ބޭނުން ނުވާކަމަށާއި، އަދި އަފްއާނިސްތާނުގައި ތާލިބާނުން ގާއިމްކުރާނީ ކޮންކަހަލަ ވެރިކަމެއްކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމުގައެވެ.

އަދި އޭނާވަނީ ބައިނަލްއަގުވާމީ ގޮތުން ސުލްހަވެރި ގުޅުންތަކެއް އަފްއާނިސްތާނާ އެކީ ބޭއްވުމަށްވެސް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

"ﷲއަށް ޝުކުރުވެރިވަން، ހަގުރާމަ މިވަނީ ނިމިފައި،" އޭނާ ވިދާޅުވިއެވެ.

"އަހަރުމެން ބޭނުންވި މަގުސަދު އަހަރުމެންނަށް މިވަނީ ހާސިލްވެފަ، އެއީ އަހަރެމެންގެ ގައުމުގެ އަޅުވެތިކަމުން ސަލާމަތްވުމާއި ރައްޔިތުންނަށް މިނިވަންކަން ލިބިގެން ދިއުން،" ތަރުޖަމާން ވިދާޅުވިއެވެ.

ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުން ދާއިރު، ދުނިޔޭގެ އެކި ގައުމުތަކުން ދަނީ، އަފްއާނިސްތާނުގެ ހާލަތާއި ގުޅޭގޮތުން ތަފާތު ބަޔާންތައް ނެރެމުންނެވެ. މިގޮތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވަނީ، އަފްއާނިސްތާނުގެ ހާލަތާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ، އެގައުމުން ކާބުލްގައި ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެގައުމުގެ ކެބިނެޓްގެ ނެޝަނަލް ސެކިއުރިޓީން ކޮމިޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީއާއި ހަވާލާދީ، އެގައުމުގެ ރަސްމީ ނޫސް އޭޖެންސީ ރިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތާލިބާނުންނަކީ އަފްއާނިސްތާނުގެ ގާނޫނީ ސަރުކާރު ކަމުގައި އެގައުމުން ބަލައި ނުގަންނާނެ ކަމަށް ފޮރިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ރިއާ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހު، އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ ރަޝިޔާއަށް ވަޑައިގެންނެވުމަކީ ދުރުކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *