ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދު ނުކުރާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް އިއްޔެ ހުށައަޅާފައެވެ. މިމައްސަލަ ހުށަހަޅަންޖެހުނީ ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް މިނިސްޓަރ އިމްރާން އެތައް ކަމެއް ކުރައްވާތީ މިނިސްޓަރުކަމުގެ މަޤާމުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާތީކަމަށް އިދިކޮޅު ޕީޕީއެމް އިން ވަނީ ބުނެފައެވެ. މިމައްސަލަ މަޖިލީހަށް ވައްދަފައިވަނީ 11 މެމްބަރުންގެ ސޮޔާއިކުގައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާކަން އިޢުލާންކުރައްވާފައެވެ.
މިއާއެކު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެއީ އެމްޑީޕީން ތާޢީދު ނުކުރާނެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއާކީ ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ޕާޓިއެއްކަމަށާއި، އެޕާޓިން ސަރުކާރު ދިފާއުކުރައްވާނެޖކަމށެވެ. އަދި ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަކީ ސަރުކާރުގެ ބައިވެރިއެއް. އަބަދުވެސް ކަމަކަށް ނުކުންނައިރު އެޖެންޑާއެއްއޮވޭ. އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކޮންމެ ފަހަރަކު ހުސްބުޅީގައި ގަންނާނެކަމަށް. އެޖެންޑާއިން ބޭރުން ހުސްބުޅީގަ ކަންކަން ވާނެކަމަށް. ސަރުކާރަ އިތުބާރު ނެތްކަމަށް ދެއްކުމަށް ވާދަވެރިފަރާތްތަކުގެ އަދަދު އޮތްކަން ފެނޭ އެއްޗެހި ހުށައަޅާއިރު.
– އަލީ އާޒިމް
މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނު އަސާސީ ބުނާގޮތަށް މިނިސްޓަރ އިމްރާންގެ އިތުބަރު ނެތްކަމުގެ މައްސަލައާއމެދު ގޮތެއް ނިންމެވުމުގެކުރިން ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުއްވާނެކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ މަތިން އެމައްސަލަ އެޖެންޑާ ކުރައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ހައްގު އެމެންބަރަކަށް ލިބިގެންވާކަމަށެވެ.
ކޮމެންޓު ފޮނުވާ