މުޅި ދަޢުލަތް އޮތީ ކުރީގެ ޓުވަރުޒަމް މިނިސްޓަރ އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންކަމަށް ކްރިމިނަކް ކޯޓުގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީއާއި، ހެދިފައިވާ ގަވާއިދުތަކާއި، ރާއްޖޭގެ އެންމެހައި ކޯޓުތަކުގެ ބާރުވެރިކަން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމްކޯޓުން ދަމަހައްޓާނެކަމުގައި، އެކޯޓުގެ ފަނޑިޔާރު އަލް އުޘްތާޒު ހުސްނުއް ސުއޫދު ވަނީ އިއްޔެ ވިދާޅުވެފައެވެ. އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެޑި މައްސަލާގައި އިއްޔެވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ފެނިގެންދަނީ މުޅި ދައުލަތް އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައިވާ މަންޒަރުކަމަށެވެ. ކޯޓުތަކުން ތަކުރާރުކޮށް އަންގައިގެން ވެސް ޙާޟިރުނުވުމުން ބަންދުކުރުމުގެ އަމުރު ނެރުމަށްފަހު ރެޑް ނޯޓިހަށް އެދުމަށް ފުލުހުންނަށް އަމުރުކުރިނަމަ މިއަދު ޢަލީ ވަޙީދު ހުންނާނީ ރާއްޖޭގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.
މުޅި ދައުލަތް އޮތީ ޢަލީ ވަޙީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން. ކޯޓުތަކުން ތަކުރާރުކޮށް އަންގައިގެން ވެސް ޙާޟިރުނުވުމުން ބަންދުކުރުމުގެ އަމުރު ނެރުމަށްފަހު ރެޑް ނޯޓިހަށް އެދުމަށް ފުލުހުންނަށް އަމުރުކުރިނަމަ މިއަދު ޢަލީ ވަޙީދު ހުންނާނީ ރާއްޖޭގައި.
– ހައިލަމް ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލާގައި ސްޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމް ތަންފީޒު ކުރުމަށް އިއްޔެވަނީ ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ. އާންމު އުސޫލުން ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ގެނެއުމުގެ ބާރު އޮންނަނީ ފުލުހުންނަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައިވެސް ރައީސް ވަނީ މިއަމުރު ތަންފީޒު ކުރުމަށް ކަރެކްޝަނުން ފުލުހުންގެ ކިބައިގައި އެދި އޮންނަ އުސޫލުން ކަންކަން ދާނެކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ހުކުމެއް އިއްވާފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއްގެ އަޑުއެހުން އޮތީ ސުޕްރީމް ކޯޓުގައި އިއްޔެ ތާވަލްކޮށްފައެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.
ކޮމެންޓު ފޮނުވާ