މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެގެން މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ސިޓީ ކައުންސިލުން ކުރަމުން ގެންދިޔަ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެ މަސައްކަތް ހުއްޓާލާފައިވާކަން ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯއްދުމަށް މި މަހުގެ ގޮތުން ބޭއްވި ގަލޮޅު އަވަށުގެ ރައްޔިތުންގެ ބައްދަލުވުމުގައި، ގަލޮޅުގެ ރައްޔިތެއްގެ ފަރާތުން ހުށަހެޅި ޚިޔާލަކާ ގުޅިގެންނެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފާހަގަކުރެއްވި ގޮތަށް، އުޅަނދުތައް ނެގުމުގައި ކަންތައް ކުރެވެނީ އެންމެ އިސްސާފްވެރި ގޮތަށް ނޫން ކަމަށް ޤަބޫލް ކުރައްވައި އެމަސައްކަތް އިންސާފްވެރި ކަމާއެކު ކުރުމަށްޓަކައި މިހާރުން ފެށިގެން އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލެއްވީކަމަށެވެ.
މި ބައްދަލުވުމުގައި މިކަމާގުޅޭގޮތުން ވާހަކަދެއްކި މީހާ ބުނީ މަގުތަކަށް ދޫކޮށްލެވިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަމުގައި ވިއަސް މިކަން ކުރެވެމުންދަނީ އިންސާފުވެރިކޮށް ނޫންކަމަށެވެ.
އެގޮތުން ކޯވިޑް-19 ގެ ދަތި ދުވަސްވަރު ރައްޔިތުން އެތަން މިތަނުގައި ތާށިވެފައި ވާއިރު، އެ ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮއްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އިންސާފްވެރިގޮތެއް ނޫންކަމަށެވެ. އެކަމުގެ ސަބަބުން މި ދަތި ދުވަސްވަރުގައި ދިމާވެފައިވާ މާލީ ދަތިކަމުގެތެރެއަށް އިތުރު ތަކުލީފެއްލިބިގެންދާ ކަމަށާއި މިފަދަ ދުވަސްވަރެއްގައި މިއަށްވުރެ ރަނގަޅަށް ބެލިގެން މި މަސައްކަތްކުރުން ރަނގަޅުވާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން މިކަމަށް މިއަށްވުރެ ރަނގަޅު އުސޫލެއް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް އޭނާ ހުށަހެޅިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނާ ގުޅިގެން އުޅަނދުތައް ނަގަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އެގޮތުން ނަގައި ނައްތާލުމުގައި ފުރަތަމަ ބަލާނީ މިކަމަށް ކުރި ސަރވޭ ރިޕޯޓްތަކުން ދައްކާ އުޅަނދުތައްކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އެ ސަރވޭކޮށްފައިވަނީ 22 ޖޫން 2021 އިން 27 ޖޫން 2021 އަށެވެ. ރިޕޯޓްގައިވާގޮތުން ގަލޮޅުން 20 އުޅަނދު، މައްޗަންގޮޅިން 43 އުޅަނދު، ހެންވޭރުން 34 އުޅަނދު އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ