އަސްލަމްގެ ޖަވާބުތަކުން މެމްބަރުންނަށް މާޔޫސްކަން

އަސްލަމްގެ ޖަވާބުތަކުން މެމްބަރުންނަށް މާޔޫސްކަން

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 09:50
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ކުރުވުނު ގިނަ ސުވާލުތަކަށް ދެއްވި ޖަވާބުތަކާއިމެދު މެމްބަރުންނަށް ވަރަށްބޮޑަށް މާޔޫސްވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް މިނިސްޓަރ އަސްލަމް ހާޒިރުކޮށްފައިވަނީ ގއ. ކޮލަމާ ފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބު ސާފުކުރުމަށެވެ. މިކަމާއި ގުޅިގެން މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްރޮޖެޓްގެ މަސައްކަތްކުރުމަށް ހެވީފޯސް ކިޔާ ކުންފުންޏަކާއި މިހާރު ހަވާލުކޮށްފައި ވާކަމަށެވެ. މި ޕްރޮޖެކްޓަކީ އޮފިޑް ފަންޑުގެ ދަށުން 58 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަވާލުކުރާތާ 497 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މަޝްރޫޢުއެއްކަމަށެވެ.

މިސުވާލަށްފަހު މެމްބަރުންނަށް ސުވާލުކުރުމަށް ހުޅުވާލުމުން މަޖިލީހުގެ ގިނަ މެމްބަރުންވަނީ މިނިސްޓަރ އަސްލަމް މީގެކުރިން ދައްކާފައިވާ ވާހަތަކާއި، މިހާރު ދެއްވާ މައުލޫމާތުތަކާއިމެދު ހިންހަމަނުޖެހި ގިނަ ސުވާލުތަކެއްކޮށްފައެވެ. އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުވަނީ ދިއްދޫ ރަށްގިރުމާއި، ބިންހިއްކުމާއި، މަގުހެދުމަށްވެސް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ ވަރަށްބޮޑަށް ހިތްހަމަނުޖެހި ސުވާލު ކޮށްފައެވެ. މެމްބަރުވަނީ މިއީ މި ސުވާލު ވަޒީރާއި އަމާޒުކުރާ 3 ވަނަ ވަނަ ފަހަރުކަމަށް ވިދާޅުވެފައެވެ. މިސުވާލުގައިވެސް މިނިސްޓަރ ވަނީ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެ ވަރަށް ލުއި ޖަވާބެއް ދެއްވާފައެވެ.

ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާ މުހައްމަދު ނާޒިލް ވިދާޅުވީ ހިތަދޫ އަކީ ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮތްރަށަކަށްވާއިރު ރަށުގެ ލަފާފުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް އަދާއިހަމައަށްވެސް ނުކުރެވޭކަމަށެވެ. އަދި ބަޖެޓްގައި މިކަން ޖަހާފައި ވީނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ. މިސުވާލުގެ ޖަވާބުގައި ވަޒީރު ދެއްވި ޖަވާބަށް ހިތްހަމަ ނުޖެހި ނާޒިލްވަނީ ޒިންމާދާރު ޖަވާބެއް ދެއްވުމަށް މިނިސްޓަރަށް ދަންނަވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިމަސައްކަތް ނުފެށިފައިވަނީ ކޯވިޑް19 އާއި ގުޅިގެންކަމަށެވެ.

މީގެ އިތުރުންވެސް މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުން ވަނީ ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް އިސްކަންދޭ ތަރުތީބާއި، ބަޖެޓްގައި ޖަހާފައިވާ މަޝްރޫޢުތައް ހިންގުމުގައި އަމަލުކުރަމުންދާ އުސޫލު ސާފުކުރުމަށް ދަންނަވާފައެވެ. މަޖިލީހުގައި މިއަދު ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާއިމެދު ހިތްހަމަނުޖެހި ސުވާލުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.