ގައުމުގެ ސުލްހަ މަސަލަސްކަމާއި، ތަރައްގީ ދެމެހެއްޓުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ: ސައުދު

ގައުމުގެ ސުލްހަ މަސަލަސްކަމާއި، ތަރައްގީ ދެމެހެއްޓުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ: ސައުދު

Author
ހުސެއިން
01 އޮގަސްޓް 2021 07:46
0

ރާއްޖެ މިއަދު މިދެކޭ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން އަދި ތަރައްގީއަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ދެވަނަދައުރެއް ދީގެން ކަމުގައި، މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި، ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަމަޖެހުން ފާހަގަ ކުރައްވާ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ދިނުމަކީ، ގައުމުގެ މުޅި ފޭރާން ރަގަޅު މަގަށް ދިއުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމުގައެވެ.

ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބެންޖެހޭ ކަމަށް ސައުދު ވިދާޅުވެފައިވާއިރު، 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގައި ރައީސް ސޯލިހުއާއި އެމްޑީޕީގެ ރައީސް ނަޝީދުއާ ދެމެދު ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ.

މިގޮތުން އުފެދުނު ވާދަވެރިކަމުގައި އެޕާޓީގެ ލީޑަރޝީޕް ދެބަޔަކަށް ބެހި، ޕާޓީގެ ތެރޭގައިވަނީ، ދެބޭފުޅުންނަށް ތާޢީދުކުރާ ދެ ފެކްޝަން އުފެދިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައ،ި ދެން އިތުރަށް ރައީސް ސޯލިހާއެކީ ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދުވަނީ ދާދިފަހުން، ރައީސް ސޯލިހަށް ކުރައްވަމުން ގެންދެވި ތާއީދު އުބުރާ ގެންދަވާފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން 2018ވަނަ އަހަރު ކުރިޔަށް ގެންދެވި ރިޔާސީ ކެޕްމޭނުގައިވެސް އިސް ދައުރެއް އަދާކުރެއްވި ސައުދުﷲ އަހުމަދަކީ މިސަރުކާރުގައި، ރީޖަނަލް އެއަރޕޯޓްސްގައި އިސް މަގާމެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަދި އޭނާ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަކީ، ދިވެހި ވިޔަފާރިވެރިންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވިޔަފާރި ޖަމިއްޔާއެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.