ސުޕަރ ސްޓަރ ސަލްމާން ޚާންގެ ފިލްމު ސިލްސިލާ "ޓައިގާ"ގެ ތިންވަނަ ފިލްމު "ޓައިގާ 3″ގެ ޝޫޓިންގ މިހާރު ވަނީ މިދިޔަ މަހުގެ 23 ގައި އަލުން ފަށާފައެވެ. ލީޑް ރޯލުން ސަލްމާނާ އެކު ކެޓްރީނާ ކައިފް ފެނިގެން ދާ މި ސިލްސިލާގެ ފިލްމުތަކަކީ ވަރަށް ކާމިޔާބު ފިލްމު ތަކެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ޓައިގާ 3″ ގައި ކެޓްރީނާގެ ސޯލޯ އެކްޝަން މަންޒަރުތަކެއް ހިމެނެއެވެ. އަދި މިއީ ކެޓްރީނާގެ ފިލްމީ ކެރިއަރުގައި މިފަދަ ވަރުގަދަ ރޯލެއް ސޯލޯކޮށް ކުޅޭ ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަށްޓަކައި ކެޓްރީނާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ފިޓް އެކްޓްރެސް އެއްގެ ގޮތުގައި މަޝްހޫރު ކެޓްރީނާ މި ފިލްމުގައި ކުޅޭ "ޒޯޔާ"ގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ފިޓްނަސް ޓްރެއިނިންގ ތަކެއް ވެސް ވަނީ ހަދާފައެވެ.
މީގެ އިތުރުން މި ފިލްމުގެ ވަރުގަދަ ރޯލަކުން ފެނިގެންދާ އިމްރާން ހާޝިމީ ވެސް ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އިމްރާން ވަނީ އޭނާގެ ހަށިގަނޑަށް ގެެނެސްފައިވާ ބަދަލު ފެންނަ ފޮޓޯތަކެއް މީގެކުރިން ހިއްސާކޮށްފައެވެ.
މުމްބާއީގައި މިހާރު ފިލްމުގެ ޝޫޓިންގ ކުރިއަށް ދާއިރު އިންޑިއާއިން ބޭރުގައި ނެގުމަށް ހަމަޖެހިފައިވާ މަންޒަރުތަކުގެ މަސައްކަތަށް މިމަހު ފުރާނެކަމަށް ހަބަރުތައް ލިބެއެވެ. މި ފިލްމަކީ 2022ގައި ރިލީޒްކުރުމަށް ތާވަލް ކޮށްފައިވާ ފިލްމެކެވެ.