ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ފެތުމާއި، ޓޭބަލް ޓެނިހުގެ އިވެންޓްތަކުން އިއްޔެ ހޯދި މެޑަލްތަކާއެކު، މެޑަލް ޓޭބަލްގެ އެއްވަނައިގައި ކުރިން އޮތް ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ ކުރިއަށް ޖެހިލައިފިއެވެ.
ޗައިނާއިން އިއްޔެ ހޯދި ކާމިޔާބީތަކަށް ބަލާއިރު އެގައުމުގެ ފެތުންތެރިޔާ ޒިއާން ޔޫފީ ވަނީ 200 މީޓަރު ބަޓަފްލައި އިވެންޓްގައި އެމެރިކާގެ ދެ ފެތުންތެރިން ފަހަތަށް ޖައްސާލުމަށްފަހު ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 200 މީޓަރު ފެތުމުގެ ރިލޭއިން ޗައިނާގެ އަންހެން ޓީމްވެސް ވަނީ ރަން މެޑަލް ހޯދައިފައެވެ. ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް އިވެންޓުން ޗައިނާ އިއްޔެ ރަން މެޑަލް ހޯދިއިރު ފައިނަލްގައި ވާދަކޮށްފައިވަނީވެސް އެ ގައުމުގެ ދެ ކުޅުންތެރިންނެވެ.
އިއްޔެއާ ހަމައަށް ޗައިނާ އިން ޖުމްލަ 31 މެޑަލް ހޯދައިފައިވާއިރު ޖަޕާނަށް އިއްޔެއާ ހަމައަށް ހޯދިފައިވަނީ 25 މެޑަލްއެވެ. ޖަޕާނާއި، ޗައިނާއިން ހޯދައިފައިވާ ޖުމްލަ މެޑަލްގެ އަދަދުގައި ތަފާތު ހުއްޓަސް ދެ ގައުމަށްވެސް މިހާތަނަށް ހޯދިފައިވަނީ 15 ރަން މެޑަލްއެވެ. މެޑަލް ޓޭބަލްގެ ތިންވަނައިގައި އޮތީ އެމެރިކާއެވެ. ޖުމްލަ 38 މެޑަލް އެމެރިކާއިން ހޯދައިފައިވާއިރު އެ ގައުމަށް އިއްޔެއާ ހަމައަށް ހޯދިފައިވަނީ 14 ރަން މެޑަލްއެވެ. އެމެރިކާގެ ފަހަތުން ދެން މެޑަލް ޓޭބަލްގައި އޮތީ ރަޝިޔާ އާއި އޮސްޓްރޭލިއާއެވެ. މި ދެގައުމަށްވެސް އިއްޔެއާ ހަމައަށް ހޯދިފައިވަނީ ޖުމްލަ 8 ރަން މެޑަލްއެވެ.