ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާކަމަށް ބުނާ ބައެއް ހާދިސާތަކާއި ގުޅިގެން ރައީސް މައުމޫން ދެއްކެވި ވާހަތަކާއި ގުޅިގެން މައުމޫން އެއްވެސް ދުވަސް ވަރެއްގައި ވެރިކަން ކުރައްވާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް މައުމޫނާއި ސުވާލު ކުރައްވައިފިއެވެ.
މީޑިއާއެއްގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އެތައް ބަޔަކު މަރާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ. ރައީސް މައުމޫންގެ ވާހަތަކާއި ގުޅިގެން ސިޔާސީ ބައެއް ބޭފުޅުންނާއި، ޚާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ނޭގުޅުން ގެންދަވަނީ އެމަނިކުފާނަށް ރައްދު ދެއްވަމުންނެވެ.
ރައީސް މައުމޫގެ ވެރިކަމުގައި ހިނގައިދިޔަ ކަމަށްބުނާ މަރުގެ ހާދިސާތަކާއި، ނުހައްގުން އަނިޔާދިން ކަމަށް ބުނާ މައްސަލަތަކާއި ގުޅިގެން އެމަނިކުފާ އިންކާރު ކުރެއްވުމަށް ވައްޑެ ވިދާޅުވީ އެއްވެސް ދުވަސް ވަރެއްގައި ރައީސް މައުމޫން ވެރިކަން ކުރެއްވިކަން ސާފުކޮށް ދިނުމަކީ އެދޭކަމެއްކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ އޯޑަރަށް މީހުން މަރާފައިވާކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ޝަރީއަތުގެ މަރުޙަލާއިން ވެސް ސާބިތުވެފައިވާކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހަކު މަރާފައިވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އޭގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ، 3 ނޮވެމްބަރުގައި ހިނގާ ދިޔަ ކަންކަން ތަހުގީގުކުރުމަށްފަހު ޝަރީއަތުގެ މަރުޙަލާއިން ކުށް ސާބިތުވެ މަރުގެ ޙުކުމް އިއްވާފައިވާ މީހުން ތިބި ކަމަށެވެ. އަދި ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ މީހުން ވެސް ތިބިކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ މަރުގެ ޙުކުމްތައް މައާފު ކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މަރުގެ ޙުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ޤައުމެއްގެ އިސް ވެރިއަކު ވެސް ލަފާ ދެއްވިކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ