ނާސްތާ ޕްރޮގްރާމަކީ ޕާޓީ ކުދިންނަށް ފައިދާވާގޮތަށް ހިންގި ބޮޑު އިސްރާފެއް: ޝުޖާ

ނާސްތާ ޕްރޮގްރާމަކީ ޕާޓީ ކުދިންނަށް ފައިދާވާގޮތަށް ހިންގި ބޮޑު އިސްރާފެއް: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
27 ޖުލައި 2021 12:17
0

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމަކީ ޕާޓީ ކުދިންނަށް ފައިދާވާގޮތަށް ހިންގި ބޮޑު އިސްރާފެއްކަމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި، ނާސްތާ ޕްރޮގްރާމް މިއަހަރު އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމަފައެވެ. މިނިންމުމައި ގުޅޭގޮތުން ޝުޖާ ވިދާޅުވީ ނާސްތާ ޕްރޮގާރުމު ފެށީވެސް ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ރޭވިގެން ދަރިވަރުންގެ ފައިދާއަށް ކޮށްފައިވާ ކަމެއްނޫންކަމަށެވެ.

ނާސްތާ ޕްރޮގުރާމަކީ ރަނގަޅަށް އިންތިޒާމު ވެގެން ކުރިއަށް ގެންދިޔަނަމަ ރަނގަޅު ޕްރޮގުރާމަކަށް ވާނެކަމަށް ޝުޖާ ވިދާޅުވިއެވެ. ނަމަވެސް ފެނިގެން ގޮސްފައިވަނީ އަމިއްލާ ޕާޓީ މީހުންނަށް މަންފާވާގޮތަށް ކަމުގައި ޝުޖާ ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމަކީ ހިންގި ބޮޑު އިސްރާފެއް. އެސް.ޓީ.އޯ އިން ގެނައި ޕެކެޓުތައްވެސް ގޮނޑަށް އުކާލީ. ޕާޓީ މީހުންނަށް ފައިދާވާގޮތައް ތިކަން ކޮށްފައިވަނީ. ދަރިވަރުންގެ ދުޅަހެޔޮކަމަށް އެދޭނަމަ، ތި ޕްރޮގްރާމް ތިއަށްވުރެ ފުރިހަމަކޮށް ގެންދެވުނީސް! ކަންކުރަން ނޭގެނީ.

– ޝުޖާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ސްކޫލްތަކުގަިއ ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް 19 ފެތުރެންފަށައި ނުރައްކާ ވުމުން، މިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނާސްތާ ޕްރޮގްރާމް މެދުކަޑައިލިއެވެ.

ކޯވިޑްގެ ހާލަތު ކޮންޓްރޯލްވެ، އެކަމާގުޅިގެން އެޅި ފިޔަވަޅުތައް މިހާރު އުވާލާފައިވީ ނަމަވެސް މިއަހަރުގެ ކުރިއަށްއޮތް ބައިގައިވެސް، ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު މިވަގުތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު، މި އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމު މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.