ކޯވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުވެ ވިޔަފާރީގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެފްއެސްއެމްގެ ބައުޒަރުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމުގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ. މިމައްސަލާގެ ތަހުގީގް މިހާރުވެސް ކުރިއަށްދާއިރު، އެފްއެސްއެމްއިން މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާކަމަށް ގަސަމް ވަނީ ވިދާޅެފައެވެ.
އެމްޕީއެލް ތެރޭގައި ހިންގާފައިވާ ތެލުގެ ކޮރަޕްޝަންގެ މައްސަލައާ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ގަސަމް ވިދާޅުވީ މިކަން ހިނގުމާއި ގުޅިގެން އެފްއެސްއެމްއިން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅިކަމަށެވެ. މިމައްސަލާގައި ކިރިޔާ ޝައްކެއް ކުރެވޭ މުވައްޒިފަކު ހުރިނަމަވެސް އެމުވައްޒިފުންވެސް ޑިޕާޓްމަންޓް ބަދަލުކޮށް ފިޔަވަޅު އަޅާފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.
މިމައްސަލާގައި ކުންފުނިން ޚާއްސަ އޮޑިޓެއްވެސް މިހާރު ހަދަމުންދާއިރު، މިކަމުގައި އެންމެ އިސްކޮށް ޝާމިލުވިމީހާވެސް މިހާރު ދެނެގަނެވިފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ. ތަހުގީގަށް މިހާތަނަށް އެގިފައިވާ ގޮތުގައި މިމައްސަލާގައި އިސްކޮސް އުޅެފައިވަނީ ތެޔޮ ބައުޒަރުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށާއި، އޭނާއަށް ރާއްޖެއިން ފުރައިން ނުދެވޭނެހެން އެފްއެމްއެމްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އަޅުގަނޑުމެންނަށް ޔަގީނެއްނޫން މިކަން ކޮށްފަ އޮތީ ކިހިނެތް ކިހިނެތްކަމެއް. މީގައި ސަސްޕެކްޓްކުރެވޭ ވަރަށްބޮޑު އެއްފަރާތެއްވޭ. އެއީ ބޭރު މީހެއް. އަޅުގަނޑުމެންގެ ބައުޒަރުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ސްޓާފެއް އެއީ. އޭނާވެސް މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފަ. މައްސަލަ މިހާރުދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގް ކުރަމުން.
– ގަސަމް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ބަނދަރު ލޮކްޑައުން ކޮށްފައި ވަނިކޮށް ޕޯޓް ތެރޭގައި ހިންގި ތެލުގެ މި ވައްކަމުގެ މައްސަލަ ފުރަތަމަ ފެންމަތި ކޮށްފައިވަނީ، އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ކުރީގެ ޗެއާ، ޒަކީ ވަނީ މި މައްސަލައާ ގުޅިގެން އަށް މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ޗެއާމަން ވަނީ މި ވައްކަމުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަޣުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ޗެއާމަންގެ ޓުވީޓުން މައްސަލަ ހިންގި ގޮތް އޮޅެއެވެ.
އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުވެ ވިޔަފާރިއަކީ ސޮއި ފޯޖުކޮށް، ހިންގާފައިވާ ކަމެއްކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު ޢަލީ ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ، އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށާ، މިފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފުންނާމެދު، އެކުންފުނިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ