ހަރުކަށި ފިކުރުން ސަލާމާތް ކުރެވޭނީ، އިސްލާމީ ފަލްސަފާގެ އަލީގައި: ޑރ.ޝަހީމް

ހަރުކަށި ފިކުރުން ސަލާމާތް ކުރެވޭނީ، އިސްލާމީ ފަލްސަފާގެ އަލީގައި: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
27 ޖުލައި 2021 09:42
0

ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތަކަށް އިޝާރަތް ކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހަރުކަށި ފިކުރަކީ ޤާނޫނުތަކަށް ގެންނަ ބަދަލުތަކަކުން އެކަނި ކުރެވޭނެ ކަމެއްނޫންކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ބޭނުންވާނަމަ އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ރަނގަޅު ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން. ދިގު ދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރުން ސަލާމަތްވުމަށް ކުރުން އެންމެ ރަނގަޅު މަސައްކަތަކީ އިސްލާމީ ތަރަހައިގެ ތެރެއިން ދީނީ ގޮތުން އެކަން އޮންނަ ގޮތް ބުނެދީ ކިޔައި ދިނުންކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް އިސްލާމީ ތަރަހައިގެ ތެރެއިން އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީގެން. ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ވަރަށް މުހިންމު.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ، މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ހަރުކަށިވެފައިވާ 1400 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިއަދު ނުކޮށްފިނަމަ ރާއްޖެ އަނބުރާ ނުހޯދޭނެ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

މިފަހުން ސަރުކާރުން ވަނީ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ހަރުކަށި ފިކުރު ނައްތާލުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ހައްޔަރުކޮށް، ބައެއް އިލްމުވެރިންނަށް ދީފައިވާ ހުއްދަތައްވެސް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.