ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު ޔާމީން އަބްދުލއް ޤައްޔޫމަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް މައުމޫން ވިދާޅުވެ ދެއްކެވި ވާހަތަކުން ހާމަވަނީ ހަގީގަތް އެނގިހުރެ ނަމަވެސް ނުބައި ހަސީލަތް އޮތް މިންވަރު ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ޔާމީން އަކީވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ފުރުސަތުވެސް ދެވިގެން ނުވާނެކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތްނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫންގެ ވާހަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ރައީސް މައުމޫނަށް، ރައީސް ޔާމީންގެ ޝަރީއަތް ހިނގައިދިޔަ ގޮތް ރަނގަޅަށް އެގިވަޑައިގެން ހުންނަވައިގެންވެސް ހައްގުބަސް ބުނަން ނުކެރުނީތީ ހިތާމަ ކުރައްވާކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތަކީ ޤާނޫނީ ގޮތުން ގިނަ ސުވާލު ތަކެއް އުފެދޭ އިންސާފުވެރި ޝަރީއަތެއް ނޫންކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ދެމުންދާ އަނިޔާތަކީ ނާއިންސާފު އަނިޔާތަކެއްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޙައްޤުބަސް ވިދާޅުވާން ރައީސް ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން. ރައީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ނޫންކަން، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފު. މިވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތް.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލާގައި ހުކުމެއް އިއްވާފައިވާއިރު މިމައްސަލައަކީ އިންސާފުން ބޭރުން ސަރުކާރުން ވަކި މަންފާއެއް ހާސިލް ކުރުމަށް ހިންގާ މައްސަލައެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީންއަށް އިއްވާފައިވަނީ ހަރާން ހުކުމެއްކަމަށް އެކޯލިޝަނުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ