އިމްރާނުގެ ބަސްތަކުން ކަށަވަރުވަނީ، ރާއްޖޭގެ މިނިވަންކަން ވިއްކާ ލާފައިވާކަމަށް: ހިސްޓޯ

އިމްރާނުގެ ބަސްތަކުން ކަށަވަރުވަނީ، ރާއްޖޭގެ މިނިވަންކަން ވިއްކާ ލާފައިވާކަމަށް: ހިސްޓޯ

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 01:22
0

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ދެއްކެވި ވާހަތަކުން ކަށަވަރުވަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލައިފައިވާކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤު މުފީދު ހިސްޓޯ ވިދާޅުވެއްޖެއެވެ.

މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި މިނިވަންކަން ހޯދުމާއި އެ ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށާއި އެންމެން އެކުގައި އެ އަގު ދައްކަން ތައްޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާނުގައި ވިދާޅުވެފައެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން ހިސްޓޯ ވިދާޅުވީ މިވެރިކަން އައިފަހުން ރާއްޖެއިން އަސްކަރީ ގޮތުން އަޑިނޭގޭ އެއްބަސްވުންތަކެއް ހަދައި އެއްބަސްވުންތަކާއިހެދި ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އޮތްވައި މިނިސްޓަރ އިމްރާން އަގުދައްކައިގެން މިނިވަންކަން ދަމަހައްޓަންޖެހޭކަމަށް ވިދާޅުވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ހިސްޓޯ ވިދާޅުވިއެވެ.

އިމްރާނުގެ ބަސްތަކުން ކަށަވަރުވަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލައިފިކަމެވެ. އަސްކަރީ ސިއްރު އެއްބަސްވުންތައް ހަދައިގެން މިނިވަންކަން ވިއްކާލާފައި، އެމިނިވަންކަމަކީ ހިލޭ ލިބޭނެ އެއްޗެއްނޫނޭ، އަގުދައްކަން ތައްޔާރުވާށޭ ރައްޔިތުން ގާތު ބުނުމަކީ ޤައުމަށް ޣައްދާރުވުމުގެ އިންތިހާއެވެ!

– ހިސްޓޯ ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުމަށް ދައްކަންޖެހޭ އަގު ފުރިހަމަ އަށް ދެއްކުނު ބަޔަކަށް ނޫނީ މިނިވަންކަން ނުލިބޭނެ ކަމަށެވެ. އެ އަގު ދެއްކުމަށް މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ އެންމެން އެކުގައި ތައްޔާރުވާން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، މިނިވަންކަން ދެމެހެއްޓޭނީ ވެސް އެންމެން އެކުގައި ކުރާ ބުރަ މަސައްކަތަކުންނެވެ. އަދި މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ހިނގައި ދަނީ މުޖުތަމައުގައި އޮންނަ ބައިބައިވުމާއި އަދާވަތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި މި ފަހަރުގެ މިނިވަން ދުވަސް މުޅި ރާއްޖޭގައި ފާހަގަކުރާ ގޮތަށް ނިންމީ އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.