ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް ހުށާހެޅި އިސްލާހަކީ އިސްލަމީ މުޖުތަމައަށް ފެތޭގޮތަށް އޮތް އިސްލާހެއް ނޫންކަމުގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޤާނޫނުލް އުގޫބާތަށް ޙިސާން ހުށައެޅުއްވި އިޞްލާހާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި "ނަފްރަތް" އިންތިހާއަށް އުފެދި ވަނީ ބޮޑު ބައިބައިވުންތަކެއް އުފެދިފައެވެ. ކޯލިޝަންގެ ތެރޭގައި ހިނެނޭ މައިޕާޓީގެގެ ރައީސް، މުހައްމަދު ނަޝީދާއި، ރައީސް ޞާލިހާއި އޮތް ސިޔާސީ ގުޅުންވެސް ވަނީ މިބިލާއި ގުޅިގެން ކަޑާލާފައެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ރައީސް ނަޝީދާއި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންދަނީ ހޫނު ރައްދު ތަކެއް ދެއްވަމުންނެވެ. ކޯލިޝަންގެ ލީޑަރުންގެ ތެރެއިން މިބިލަށް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅު ނުވަނީ ރައީސް މައުމޫންނެވެ.
މިބިލާއި ގުޅޭގޮތުން ރައީސް މައުމޫން މިއަދު ވިދާޅުވީ ގާނޫނުލް އުގޫބާތަށް ހުށަހެޅިފައިވާ އިސްލާހު ނުވަތަ ނަފްރަތުގެ ބިލަކީ ސުރުޚީ ރީތި ބިލެއްކަމަށާއި އެންމެ ފުރަތަމަ ބަލާލާއިރު ވަރަށް ހަމެޖެހޭ ބިލެއްގެ ގޮތުގައި ސިފަވެގެންދާނެ ބިލެއް ކަމަށެވެ. ނަމަވެސް އެ ބިލުގައިވާ މާއްދާތަކަކީ ރާއްޖެފަދަ އިސްލާމީ ގައުމެއްގައި އަމަލުކުރެވޭނެ މާއްދާތަކެއް ހުރި ބިލެއް ނޫން ކަމަށެވެ.
ސަބަބަކީ ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައިކަންކަން މަނާކުރުމަކީ އިސްލާމް ދީނުގައި މުހިއްމު ކަމެއް ކަމަށާއި، މިހާރު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ އެކަމަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ ބިލުގައިވާ ގޮތުން މީހަކު ގޯސްކަމެއް ކުރާނަމަ އެކަން މަނާކޮށް އެއީ ދީނާ ޚީލާފު ކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. ނަމަވެސް މީހަކު އެފަދަ ކަމެއް ކުރާނަމަ ދީނުގެ ހުކުމްތައް ބުނެދެވެން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލާއިމެދު ވެރިކަން ކުރާ ކޯލިޝަނާއި، އާންމު ރައްޔިތުންގެ މެދުގައި ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދުމުން އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ވަނީ ބިލު ފޮނުވާފައެވެ. ފުރަތަމަ މަސައްކަތް ކުރީ ބިލު ނިމިދިޔަ ދައުރޔގެ އެންމެ ފަހު ޖަލްސާގައި ފާސްކުރުމަށެވެ. ނަމަވެސް އެމްޑީޕީ ތެރެއިން މިބިލާއި ދެކޮޅަށް މަސައްކަތް ފަށާއި، އިސްލާހުތަކެއްވެސް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ