މިނިވަންކަން ގެއްލިގެން ދަނީ އެމުޖުތަމައެއްގެ ބައިބައިވުމާއި ދެކޮޅުވެރިކަމާއި، ދެބަސްވުމާއި އަދާވާތްތެރި ކަމުގެ ސަބަބުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުވައި މިނިސްޓަރ އިމްރާން ދެއްވި މެސެޖުގައި ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއްނޫންކަމަށެވެ. އަދި މިނިވަންކަން ގެއްލިގެންދާ މުޖުތަމައުގެ، މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރެއްގައި ގެއްލިގެންދަނީ އެމުޖުތަމައެއްގެ ބައިބައިވުމާއި ދެކޮޅުވެރިކަމާއި، ދެބަސްވުމާއި އަދާވާތްތެރި ކަމުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަން ދަހަމައްޓަން ބޭނުންވާ ކޮންމެ މުޖުތަމައެއްގެ މެދުގައި ފުރިހަމަ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާކޮށް ދިރުވަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިވަންކަމަކީ ހިލޭ ލިބޭނެ އެއްޗެއްނޫން. މިނިވަންކަން ހޯދުމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ވަރަށްބޮޑު އަގެއް ދައްކަންޖެހޭ. އެއަގު ފުރިހަމަ ގޮތުގައި ދެއްކުނު ބަޔަކަށް ނޫނީ ފުރިހަމަ މިނިވަންކަމެއް ނުލިބޭނެ. އަދި މިނިވަންކަން ނުވެސް ދެމެހެއްޓޭނެ. އެހެން ކަމުން މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ އަގު ދެއްކުމަށް މިނިވަންކަން ލިބިފައިވާ މުޖުތަމައުގެ ނުވަތަ އެޤައުމުގެ އެންމެން އެކުގައި ތައްޔާރުވާންޖެހޭ. މިނިވަންކަން ލިބެނީ އެންމެކުރާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އަދި މިނިވަންކަން ދެމެހެއްޓޭނީވެސް އެންމެން އެކުރައި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެކަން ކުރުމުގައި އެކުވެރިކަމާއި އެއްބަންތަކަމުގެ ރޫހުގައި މަސައްކަތް ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި 56 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް، ގެންދިއުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ ރޫހު އިތުރަށް ދިރުވައި އާލާ ކުރުމަށްޓަކައި، މިފަހަރު އަޅުގަނޑުމެންގެ މިނިވަން ދުވަސް މިފާހަގަކުރަނީ، މުޅި ރާއްޖޭގައި. ރާއްޖޭގެ ހުރިހާ ކޮންކޮޅުތަކުން ރާއްޖޭގެ އެންމެން ބައިވެރިވެގެން.
– މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑާ ހެދި ދަތިތަކެއް ކުރިމަތިވި ނަމަވެސް މި ފަހަރުގެ މިނިވަން ދުވަހުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި، ކެބިނެޓް ވަޒީރުންނަށާއި، މުއަސްސަސާތަކުގެ ވެރިންނަށްވެސް ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ