ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، ކަންކަން ހިނގަމުންދާ ގޮތުން ރައީސް ނަޝީދަށްވެސް ހިހޫފަޅީފައި ހުންނަވަން ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް، ރައީސް ނަޝީދު ހިހޫފަޅި އިހުތިޔާރު ނުކުރެއްވީ ޤައުމަށް ހެޔޮއެދިވަޑައި ގަންނަވާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެޖެއެވެ.
މިރޭ ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މިހާލަތުގައި ރައީސް ނަޝީދަށްވެސް، ހިހޫ ފަޅި ނަންގަވައިގެން މިކަމުގައި ހަމަހިމޭން ވެގެން ހުރެވެން އޮތްކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ނެންގެވީ ޤައުމާއި ރައްޔިތުންގެ ފަޅި ކަމަށާއި، ރައީސް ނަޝީދު ހުންނެވީ ޤައުމުގެ ދިފާއުގައި ކަމަށް ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާލަން ބޭނުން، މަނިކުފާނަށްވެސް، އަޅުގަނޑު ހަމަ ދަންނަވާލާން ބޭނުން މަނިކުފާނަށްވެސް އޮތް ހަމަ ހިހޫ ފަޅީފައި ހުންނެވެން. މަނިކުފާނަށްވެސް އޮތް ހިހޫފަޅި ނެންގެންވެސް. އެހެން ނަމަވެސް މިޤައުމުގެ ހައްގުގައި މަނިކުފާނު ތިިޔަ ނެންނެގެވީ ރައްޔިތުންގެ ފަޅި.
– ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާކަތަކީ ޤައުމުގެ ވަކި މީހެއްގެ ފަހަތަށް އަރައިގެން މޮޅުތަކެއް ހޯދަން އުޅެންވީ ވަގުތު ނޫންކަމަށެވެ. މިއީ ޤައުމަށް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރަންވީ ވަގުތުކަމަށެވެ.
ވައްޑެ ވަނީ ރައީސް ނަޝީދު ހުށަހެޅުއްވި ގޮތަށް، ޤައުމީ މަޖިލީހުން ފާސްކުރާ ޤަރާރާއި އެއްގޮތަށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެދިވަޑައިގެންފައެވެ. އަދި މިކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ފަހަތުފަޔަށް ބުރަނުވެ ކުރިއަށް ވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް ވައްޑެ ވިދާޅުވިއެވެ.
އަޅުގަނޑު މިކަމުގައި ވަރަށް އިޚުލާސްތެރިކަމާއިއެކު ރައީސުލްޖުމްހޫރިއްޔާ އަރިހުން އެދެން، މިކަމުގައި ފަހަތު ފަޔަށް ބުރަވެ ވަޑައި ނުގެން، އަވަސް ފިޔަވަޅުތަކެއް އަޅުއްވައި، މިބިރިވެރިކަމުން މިޤައުމު ނެރެދެއްވުން އެއީ ރާއްޖެއަށްޓަކައި ނުހަނު މުހިންމުކަމެއް.
– ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ މަގުމަތީގައި އެއްވެސް ބިރެއްނެތި ބޮން ހަދާ ހާލަތަށް ޤައުމުގެ ކަންކަން ދިއުމުން މިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. މިއީ ޤައުމަށް އޮތް ވަރަށް ނުރައްކާތެރި ކަމަކަށްވާއިރު، މިކަމާއި ދެކޮޅަށް ޤައުމު އެކީ މަސައްކަތް ކުރެވިގެން ނޫނީ އުންމީދޫ މުސްތަގުބަލެއް ނެތްކަމަށް ވިދާޅުވެ، ވައްޑެ ވަނީ މިޤަރާރާއި އެއްގޮތަށް މިކަން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ