މި ސީޒނުގައި އިޓަލީއަށް ސެރިއާގައި ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރާ ޓީމަކަށް ވާން ބޭނުންނުވާކަމަށް ސަންޕަޑޯރިޔާގެ ކޯޗު ކުލައުޑިޔޯ ރަނިއޭރީ ބުނެފިއެވެ.
ލީގުގައި އެޓްލާންޓާ 3-1 ލަނޑުން ބަލިކުރުމަށްފަހު ވާހަދައްކަމުން ތަޖުރިބާކާރު ކޯޗު ރަނިއޭރީ ބުނީ މިދިޔަ ސީޒަނުގައި ސަންޕަޑޯރިޔާއިން މަސައްކަތް ކުރީ މުޅި ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވާން ކަމަށާއި މި ސީޒަނުގައި އެ މަންޒަރު ތަކުރާރުކުރަން ބޭނުންނުވާކަމަށެވެ. އެނާ ބުނީ އެޓްލާންޓާއަށް އަތުން ލިބުނީ މުހިންމު މޮޅެއްކަމަށެވެ.
ޓީމުން ކުރީ ވަރަށް ހިއްވަރުގަދަ މަސައްކަތަކެއް، ދެމެޗުގައި ވެސް އެހިއްވަރު ފެނިއްޖެ.
– ރެނިއޭރީ
ލެސްޓަރ ސިޓީއަށް އިނގިރޭސިލީގު ހޯދައިދިން ކޯޗު ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ވެސް ސަންޕަޑޯރިޔާއިން ނެރުނު ނަތީޖާތަކުގެ ސަބަބުން ޓީމުގެ ހިއްވަރު އާ ވެއްޖެކަމަށެވެ. ހާއްސަކޮށް ކުޅުންތެރިން ކުރި މަސައްކަތް ރަނިއޭރީ ވަނީ ފާހަގަކޮށްފައެވެ. ލިބޭ ފުރުސަތުތަކުގައި ކުރިޔަށްދިޔުމަކީ މިހާރު އޮތް އެންމެ މުހިންމުކަންތައް ކަމަށް އިނގިރޭސި ކުލަބު ޗެލްސީގެ ކުރީގެ ކޯޗު ރަނިއޭރީ ބުނިއެވެ.
މި މޮޅާއެކު 9 ޕޮއިންޓާއެކު ސަންޕަޑޯރިޔާއިން ވަނީ ތާވަލުގެ ފަސްވަނައަށް ކުރިޔަށްޖެހިލާފައެވެ.
ކޮމެންޓު ފޮނުވާ