ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޕާޓގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅައިފިއެވެ.
ރައީސް ނަޝީދު ހުށަހަޅުއްވާ މިޤަރާރު މިރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ވަނީ އެޖެންޑާކޮށްފައެވެ. މިޤަރާރުގައި ބުނެފައިވަނީ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތަށް ބަލައި، ސަރުކާރުން އަމަލުކުރަންވީ ގޮތްކަމަށް، އެމްޑީޕީން ފެންނަ ޚިޔާލަކީ މިއީކަމަށް ވަނީ ބުނެފައެވެ. އަދި ޓެރަރިސްޓުން ހޯދައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ފުރުސަތު ދިނުމަކީ މިހާލަތުގައި ކުއްލި ހާލަތު އިއުލާންކޮށްގެންވެސް ކުރަންޖެހޭ ކަމެއްކަމަށް ފެންނާތީ އެމްޑީޕީން އިޤުރާރުވުމަށް ވަނީ މިޤަރާރުގައި ވަނީ ބުނެފައެވެ. މިޤަރާރަށް މިރޭ ބަހުސް ކުރެވިގެންދާނެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނަޝީދު ގެންދަވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ވަށްބޮޑަށް އަޑު އުފުއްލަވަމުން ނެވެ. މީގެ އިތުރުން ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް އެންމެ އެދެވޭ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާތަން ނުފެންނަ ކަމަށްވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުން ނެވެ.
މީގެ އިތުރުން ހަރުކަށި ފިކުރުގެ މީހުން ބުނާގޮތަށް ސަރުކާރުން އަމަލުތައް ގެންގުޅޭ ކަމަށާއި އެފަދަ ގޮތްގޮތަށް އަމަލުކުރާނަމަ ސަރުކާރަށް އިތުރަށް ތާއީދު ކުރެވެން ނެއްކަމަށްވެސް ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް، ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޕާޓީގެ ވަޓްސް އެޕް ގްރޫޕްއަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޓެރަރިސްޓުންގެ އެކްޓިވް މީހުން މިހާރު ފުލުހުންނަށް ފާހަގަ ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުތައް ހުންނަ ގޮތުން، އަދި ހުންނަން ޖެހޭވެސް ގޮތުން ފުލުހުންނަށް އެމީހުން ހައްޔަރުކުރަން އުނދަގޫވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަޤްސަދެއްގެ ގޮތުގައި މިހާތަނަށް ހޯދިފައި ވަނީ މާލީ މަންފާއަކަށްވުރެ، ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް އަމިއްލައަށް ނެރުނު ހުކުމްތަކާއި ފަތުވާތަކުގެ އެހީގައި ލޭ ހުއްދަކޮށް، ދީނީ ހަރުކަށި ފިކުރުގެ މީހުން ހިންގި އަމަލެއް ކަން ކަމަށެވެ.
ކޮމެންޓު ފޮނުވާ