ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުންނަށް ބުނެލަން އޮތް ބަަހަކީވެސް، އަދި ފުލުހުންނަށް ދޭން އޮތް ބަޔާނަކީވެސް ޖާނާއި، ހިތާމޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ބޮޑު ކާމިޔާބެއް ފުލުހުން ހޯދަފައިވާއިރު، ހަމަލާ ރޭވުމުގައި އިސްކޮސް ހަރަކާތްތެރިވި މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ޝާމިލުވާ ގިނަ މީހުންގެ ބަޔާން ނަގައި، ދައުވާ ކުރުމާއި ހަމައަށް ގޮސްފައިވާއިރު، މައްސަލައިގައި މިހާތަނަށް ރައީސް ނަޝީދުގެ ބަޔާނެއް ނެގިފައި ނުވެއެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެ މައްސަލައިގައި ނަޝީދުގެ ބަޔާނެއް މިހާތަނަށް ނަގާފައިނުވާ ކަމަށެވެ. އަދި ބަޔާނެއް ދެއްވުމަށް ދަތިފުޅު ނަމަ ލިޔުމަކުން ނަމަވެސް ބަހެއް ހޯދުމަށް ނަޝީދުގެ އަރިހުން އެދިފައިވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ފާރަލައިގެން ކަމަށާއި އެމަނިކުފާނުގެ މޫވްމަންޓު ލީކުވެފައިނުވާކަމަށް ޔަގީން ކަމަށެވެ.
އެ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން މިހާތަނަށް ބެލެވެން ނެތް ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ބަޔާނާއި ގުޅިގެން އެމަނިކުފާނު ވަނީ ސީޕީ ހަމީދު ޓެގު ކުރައްވައި ޅެންބައިތެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީވެސް އަދި ބުނެލަން އޮތް ބަހަކީވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމުގައި ނަޝީދު ވަނީ ވިދާޅުވެ، ސީޕީ ހަމީދަށް ޅެންބައިތެއް ހިއްސާ ކުރައްވާފައެވެ.
އަޅުގަނޑުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އަޅުގަނޑުގެ ޖާނާއި ހިތާމޭ. ޝާއިރު ވިދާޅުވި ފަދައިން، ހިތާއި، މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ؟
– ނަޝީދު ސީޕީ ހަމީދު ޓެގްކޮށް ކުރެއްވި ޓްވީޓުގައި ވެއެވެ.
Alhugandu ge bahakavves bayaanakavves dhakkan othee alhugandu ge jaanaai hithaa mey. Shairu vidhaalhuvi fadhain, hithaa mey hibain liye dhineemaaves nuvee noonthoa? @M_Hameedh
— Mohamed Nasheed (@MohamedNasheed) July 25, 2021
ރައީސް ނަޝީދުގެ މާނަފުން މިޅެންބައިތާއެކު، ސާފުވެގެން ގޮސްފައިވަނީ އެމަނިކުފާނަށް ލިބިފައިވާ ޒަހަމްތަކުން އެކަނިވެސް ފުލުހުންނަށް މިކަން ސާފުވާނެކަމަށެވެ. އަދި ހަމަލާއަށްފަހު އެމަނިކުފާނު ބެއްލެވި ޑޮކްޓަރުންވެސް ވަނީ އަނިޔާގެ ތަފްސީލް ވަރަށް ބޮޑަށް ދެއްވާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.