ނަޝީދަށް މުރައިދޫގެ، މުއުތަސިމަށް ރެހެންދި އެޕާޓްމަންޓެއް

ނަޝީދަށް މުރައިދޫގެ، މުއުތަސިމަށް ރެހެންދި އެޕާޓްމަންޓެއް

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2021 07:45
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ  ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.

މުރައިދޫގެ އާއި ރެހެންދި ފްލެޓްގެ އެޕާޓްމަންޓަށް އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަރާމާތުތައް މިހާރު ދަނީ ކުރަމުންނެވެ. އެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހުއެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.

މި ދެ އިސްލާހުގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެތަނަށް ބަދަލުކުރުމަށްވެސް ހުށަހަޅުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
މުރައިދޫގެއިން އަންނިއަށް އެޕާރޓް މަންޓެއް ހަމަޖެއްސުމަކީ ވަރަށް ރަގަޅު ކަމެއްކަމަށް ލަފާކުރެވޭ. އެއީ ޖެހިގެން މިސްކިތެއް ހުރުމާއެކު ބަންގީގެ އަޑު އިވުމުންވެސް މީހާއަށް ހިތްހަމަ ޖެހުމާ އަމާންކަން އިހުސާސް ކުރެވޭނެތީ.