ނިމިދިޔަ ވެރިކަމުގައި، ރައްޔިތުންގެ މައްޗަށް އޭރުގެ ސަރުކާރުން ކުރަމުންދިޔަ އަނިޔާތަކާއި، އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކޮށްދިނީ އޭރުގެ މަޖިލީހުގައި ހިމެނުނު މެމްބަރުންގެ ތެރެއިން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި 12 މެމްބަރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ނިކުމެ އަޑުއުފުލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މުސްތަފާ މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ، 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން މިހާރު ރައީސް ޔާމީނަށް ތާއީދުކޮށް ދައްކަވަމުންދާ ވާތަކާއި ގުޅިގެންނެވެ. މުސްތަފާ ވިދާޅުވީ އޭރުގެ ވެރިކަމުގައި ރައްޔިތުންނަށް ވަމުންދިޔަ އަނިޔާވެރިކަމާއި، ރައްޔިތުންނަށް ގޮތްހުސްވި ވަގުތު ދައުލަތައި ރައްޔިތުންގެ ހިމާޔަތުގައި ނިކުމެ އެއަނިޔާވެރިކަމާއި އަޅުވެތި ކަމުން ރައްޔިތުން ސަލާމަތް ކުރީ 12 މެމްބަރުން ކަމަށެވެ.
ދިވެހި ދައުލަތުގެ ބާރުތައް މުއްސަދިކޮށް، ރައްޔިތުންގެ މައްޗަށް އޭރުއޮތް ސަރުކާރުން އަނިޔާވެރިވެ، ޚުދުމުހުތާރުވެ، ރައްޔިތުންނަށް ގޮތްހުސްވި ވަގުތު ދައުލަތައި ރައްޔިތުންގެ ހިމާޔަތުގައި ނިކުމެ އެއަނިޔާވެރިކަމާއި އަޅުވެތި ކަމުން ރައްޔިތުން ސަލާމަތް ކުރީ 12 މެމްބަރުން.
– މުސްތަފާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 18ވަނަ ދައުރުގައި، އެމަޖިލިހުގެ 12 މެމްބަރަކު ރައީސް ޔާމިންގެ ވެރިކަމުގަ ގޮޑި ގެއްލިއްޖެކަމަށް ނިންމާ މަޖިލީހަށް ވަނުން މަނާކޮށް، އަދި އޭތެރޭގެ ބައެއް މެމްބަރުން ޖަލަށްވެސް ލާފައިވެއެވެ. އަދި އެ 12 މެމްބަރުން ފަހުން މަސައްކަތް ކޮށްފައިވަނީ، އޭރުގެ އިދިކޮޅު ޕާޓީތަކާއެކީގައެވެ. މިގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި، އޭރު ޖަލުގައި ބަންދުކޮށް އަދި، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ހިންގުނު ސިޔާސީ ހަރަކާތްތަކުގައިވެސް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އެ 12 މެމްބަރުންނެވެ.
މީގެ އިތުރުން ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނަން އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރިޔަށް ގެންދިޔަ ރިޔާސީ ކެމްޕޭނުގައާއި އަދި އާ ސަރުކާރެއް އެކުލަވާލާ، ރައްޔިތުންގެ މަޖިލިސް ހިއްސާކުރާނެ އުސޫލުތައް ކަނޑައެޅިއިރު، 12 މެމްބަރުންގެ ދާއިރާތައް 12 މެމްބަރުންނަށް ޚާއްސަ ކޮށްދޭނެކަމުގައި 2018ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯލިޝަންގެ 4 ލީޑަރުން ވައުދުވެފައި ވެއެވެ.
މީގެތެރޭގައި، 12 މެމްބަރުން، އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދުއާއެކީގައި ބޭއްވި ބައްދަލުވުމުގައި، 12 މެމްބަރުންގެ ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު 12 މެމްބަރުން ދެއްވާނެ ކަމަށް ވިދާޅުވެ، މި ދާއިރާތަކަށް އެމްޑީޕީގެ ކެނޑިޑޭޓުން ވާދަ ނުކުރާނެކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެބައްދަލުވުމުގައި، 12 މެމްބަރުންނަށް ތިމަންމަނިކްފާނު ޚިޔާނާތްތެރި ވެއްޖެނަމަ، ތިމަންނާގެ މައިން ބަފައިންވެސް ތިމަންނާއަށް މާފް ނުކުރާނެކަމަށް ނަޝީދު ވިދާޅުވިކަމަށް 12 މެމްބަރުން މިއަދު ވިދާޅުވެއެވެ. އަދި މި ބައްދަލުވުމުގައި، ތިމަންނާ 12 މެމްބަރުންނަށް ވީ ވައުދު ނުފުއްދިކަމަށް ބުނެ، ފަހުން އެ 12 މެމްބަރުން ތިމަންނާއަކީ ޚިޔާނާތްތެރިއެކޭ ބުނާ އަޑު އަހަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވިކަމަށްވެސް މިއަދު 12 މެމްބަރުން ވިދާޅުވެއެވެ.
2019ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، 12 މެމްބަރުންގެ ތެރެއިން 19ވަނަ މަޖިލީހަށް އިންތިޚާބުވެފައިވަނީ، ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކަންޏެވެ. އަދި މީގެ ތެރެއިން ގިނަ މެމްބަރުން ތުހުމަތު ކުރާގޮތުގައި، އޭރުގެ އިދިކޮޅު ސިޔާސީ ކޯލިޝަނުން ވައުދުވިގޮތަށް، 12 މެމްބަރުންގެ ދާއިރާތަކަށް ކޯލިޝަންގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެމެމްބަރުންނަށް ގެއްލުނީ ނަޝީދު އަޑީގައި ހުންނަވައިގެން، އެދާއިރާތަކަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން، މީގެތެރޭގައި ހިމެނޭ ގިނަ މެމްބަރުން މިއަދު ތުހުމަތު ކުރަނީ، އެބޭފުޅުންނަށް ކޯލިޝަނުން ވީ ވައުދާ ޚިލާފުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ނަޝީދުކަމަށެވެ.
12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ފާޅުގައި މަސައްކަތް ކުރަމުންދަނީ ސަރުކާރާ ދެކޮޅަށެވެ. އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ހިމެނިވަޑައި ގަންނަވަނީ، މިސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ