ގްރޭޓާމާލެ ގްރިޑް ޓެސްޓު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން މިއަދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މިއަދު ހަވީރު 15:00 އާއި 18:00 އާއި ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓުކެނޑުމުގެ ފުރުސަތު އޮތްކަމަށެވެ. ސްޓެލްކޯ އިން ބުނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް: ގްރޭޓާމާލެ ގްރިޑް ޓެސްޓު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން މިއަދު ހަވީރު 15:00 އާއި 18:00 އާއި ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓުކެނޑުމުގެ ފުރުސަތު އޮތްވާހަކަ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާލަން.
— STELCO (@STELCOMALDIVES) July 24, 2021
މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.
އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ