ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިތުރު މައުލޫމާތު މިރޭ ހާމަކުރުމަށް ހަމަޖެހިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ 2021 މެއި 06 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިރޭ ޕްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20:45 ގައި އިސްކަންދަރު ކޮށީގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޝާއި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހަތަރު މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ފޮނުވާފައެވެ. މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.
ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހަމަލަ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ. ޝަމީމް ވިދާޅުވީ އެ މީހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށް އެ މީހުންގެ ވަނަވަރު އާންމުކުރިއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ)އެވެ.
މެއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 8 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެކަކު ވަނީ ބަންދުން ވީއްލިފައެވެ.
ކޮމެންޓު ފޮނުވާ