ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު އެމަނިކުފާނު ސަރުކާރާއި ދެކޮޅަށް ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ އެންމެ ދުވަސްވީ އެއް މެމްބަރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަަދު އަސްލަމް ދެއްކެވި ވާހަތަކާއި ގުޅިގެން އެޕާޓީގެ މަޖިލިސް ދެ މެމްބަރުން ކަމުގައި ރޮޒޭނައާއި، އިމްތިޔާޒުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ރޮޒޭނާއާއި، އިންތިގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރަން ފެށިފައިވަނީ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު ދައްކަވާ ވާހަތަކަށް އިންތިކާރުކޮށް ބަސް ނުބުނެވޭނެކަމަށް އިންތި ވިދާޅުވި ހިސާބުންނެވެ. މިވާހަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އެޅުވިފައިވާ ބައެއް ތިބި ތަނެއްތޯ ސުވާލު ކުރައްވާފައެވެ.
މިވާހަތަކާއި ގުޅިގެން އިންތިވި ވިދާޅުވީ އޭނާ އެހެން ވިދާޅުވީ ރޮޒޭނާއަށް ވުރެއް ބޮޑަށް ރައީސް ނަޝީދަށް އިތުރުބާރު ކުރައްވާތީކަމަށެވެ. ރައީސް ނަޝީދަކީ ސިޔާސީ ގޮތުންވެސް އަދި އެނޫން ގޮތްތަކުންވެސް ޤައުމަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތް ކުރައްވާ އެންމެ ކެރޭ ލީޑަރަށްވާއިރު، އެމަނިކުފާނަށް ހަމަލާދީ ގޮން ގޮއްވާލުމުން އެމަނިކުފާނު ނޫން މީހެއްގެ ވާހަކަ އަޑުއަހަންޖެހޭ ސަބަބެއް ނެތްކަމަށް އިންތި ވިދާޅުވިއެވެ.
އެއީ ރޮޒޭއަށްވުރެ ބޮޑު އިތުބާރެއް ރައީސް ނަޝީދަށް އަހަރެން ކުރާތީވެ! ހަރުކަށި ފިކުރުގެ ވާހަކަ ދައްކަން ކެރޭ ކަމައެކަނި ލީޑަރ އެވަނީ ބޮން ގޮއްވައި ޒަހަމް ކޮށްލާފައި، އެއީ ދެއްކުމުން. އަދި އެއީ އެމްޑިޕީގެ ރައީސް. ދެން ކާކުގެ ބަހަކަށް ބުރަދަނެއް އަހަރެން ދޭންވީ.
– އިންތި ވިދާޅުވިއެވެ.
އިންތިގެ ވާހަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ ބުރަދަން ހަމަ ބޭފުޅުންނާއި، ބުރަދަން ހުރި ބޭފުޅުންގެ ވާހަކަ ދެއްކެވި ނަމަވެސް މެމްބަރު އަސްލަމް ދެއްކެވި ވާހަތަކާއި ގުޅިގެން އިންތިއަށް އެގޮތަށް ރައްދު ނުދެވޭނެކަމަށެވެ. ކޮންމެ މީހަކީވެސް މިނިވަން ޚިޔާލާއި މިނިވަންކަން އޮންނަންޖެހޭ މީހަކަށްވާއިރު، އެމީހަކު ދެކޭ ގޮތާއި ފާޅު ކުރާ ޚިޔާލަށް އިހުތިރާމް ކުރަންޖެހޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އިންތި ބުރަދަން ދޭނެ ބަޔަކާއި، ގަބޫލު ކުރާނެ ބަހެއް އެނގޭނީ އިންތިއަށް. ހަމަ އެފަދައިން އެގެން މީހުން ގަބޫލުކުރާނެ އެއްޗެއް އެގޭނީ އެހެން މީހުންނަށް. މެމްބަރު އަސްލަމް ފާޅުކުރެއްވި ޚިޔާލެއް އެހެން ނުބުނެވޭނެކަމަށް އިންތި ވިދާޅުވީމާ އަޅުގަނޑު ކަންބޮޑުވީ. އެންމެންގެވެސް މިނިވަންކަން އޮންނާނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާގެ މިވާހަތަކާއި ގުޅިގެންވެސް އިންތި ވަނީ ދޫނުދީ ރޮޒޭނާއަށް ރައްދު ދެއްވާފައެވެ. އިންތި ވަނީ ރޮޒޭނާގެ މިވާހަތަކާއި ގުޅިގެން ދެ ސުވާލެއް ރޮޒޭނާއާއި ކުރިމަތި ކުރުވާފައެވެ.
އެހެންވިއްޔާ އަސްލަމް ވިދާޅުވި އެއްޗަކަށް އަޅުގަނޑަށް ފެންނަ އެއްޗެއް ވަކި ނުބުނެވެންވީ ކީއްވެ؟ އަޅުގަނޑަށް ފެންނަ އެއްޗެއް ބުނީމާ ރޮޒޭ ތިހެން ވިދާޅުވާން ޖެހޭނީ ދެންކީއްވެ؟
– އިންތި ރޮޒޭއާއި ސުވާލު ކުރެއްވިއެވެ.
ރޮޒޭނާއަކީ އަބަދުވެސް ރައީސް ނަޝީދުގެ ސިޔާސަތަށް ފާޑުވިދާޅުވެ، ރައީސް ނަޝީދަށް މަޖިލިސް ތެރޭގައިވެސް ރައްދު ދެއްވައި ހައްދަވާ ބޭފުޅެވެ. ރޮޒޭނާއައި އިންތިގެ ބަހުގެ ހަމަލާތައް އިތުރުވެފައިވާއިރު، އަސްލަމްގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ތެރޭގައި އިތުރައް ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދިނުން އިތުރުވެފައެވެ.
އަސްލަމް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަސްލަމްއަކީ ރައީސް ނަޝީދާއި، ވަރަށް ގާތް އަދި ރައީސް ނަޝީދުގެ ސިޔާސަތަށް ވަރަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އަސްލަމް މިފަދަ ގޮތަކަށް ނަޝީދަށް ރައްދު ދިނުމުން ނަޝީދުވެސް ވަނީ މިކަމާއި ވަރަށް ބޮޑަށް ހިތްޕުޅާނުވެ އަސްމަލަށް ނުސީދާ ރައްދުތަކެއް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ