ރައީސް ޔާމީންގެ ވެރިކަމުގައި ހިނގަދިޔަ ކަންކަމާއި ދެކޮޅަށް އޭރު މަޖިލިސްގައި ތިއްބެވި 12 މެމްބަރަކު، ސަރުކާރާއި ދެކޮޅަށް ކުރި ކަންތައްތަކަކީ ބަޣާވާތެއްކަމަށް އެމެމްބަރުންގެ ތެރޭގައި ހިމެނޭ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވާނަމަ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށް ޓްރޭޑް ޔޫނިއަންގެ ނާއިބުރައީ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިގޮތަށް ޓްވީޓު ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް މެމްބަރުންތަކެއް ޖަލަށްލީ، މަސްލަހަތު ހިމާޔަތްކުރަން ކަމަށާއި މިހާރު އެކަން ކުރެއްވި ސަބަބު ވިސްނޭކަމަށް ލޯޔަރު ވައްޑެ ވިދާޅުވެ ދެއްކެވިވާހަތަކާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓަކަށް އިޝާރާތް ކުރައްވައެވެ.
ސައުދު ވިދާޅުވީ ބާރަ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރަކު މިފަދަ ތުހުމަތުތަކެއް ކުރައްވާނަމަ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށެވެ. އަދި އެއީ ބަޣާވާތެއްނަމަ އެކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، އެކަމަށް ފަންޑު ކުރި މީހުންވެސް ހޯދަންޖެހޭކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ބަލަ 12 މެމްބަރުން ބަޢާވާތް ކުރިކަމަށް ލޯޔަރު ވައްޑެ ވިދާޅުވާނަމަ، ތިއީ ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް. ބަޢާވާތުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފަންޑު ކުރި މީހުންވެސް ހޯދަންޖެހޭ.
– ސައުދު ﷲ
bala 12 MPs ba’aavaaii kuri kamah Lawyer Waddey vidhaalhuvaa nama, thee serious koh balan jehey massala eh.
B’aavaathuga amalee gothun baiveri vi meehunnaa fund kuri meehun ves hoadhen jehey. https://t.co/gvetEb6FqV
— Saudulla Ahmed (@saudullaahmed1) July 24, 2021
ވައްޑެ ވަނީ މިހާރު އަނެއްކާވެސް ރައީސް ޔާމީނަށް ތާއީދުކޮށް ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ވައްޑެގެ ވާހަކަތަށް މިހާތަނަށް 12 މެމްބަރުންގެ ތެރެއިން ރައްދު ދެއްވީ ތިމަފަރުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. މުސްތަފާ ވިދާޅުވެފައިވަނީ ވައްޑެ ފާޅު ކުރައްވަމުންދާ ޚިޔާލުތަކަކީ ވައްޑެގެ އަމިއްލަ ޚިޔާލު ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު 12 މެމްބަރުންގެ ވާހަކަތަކެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.
ވައްޑެ ކަމަކަށް އިއުތިރާފުވުމަކީ 12 މެމްބަރުންގެ އިއުތިރާފެއް ނޫން.
– މުސްތަފާ
ވައްޑެ އަލުން އަނެއްކާވެސް ރައީސް ޔާމީނަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު އަނިޔާއަކަށް ހައްގު ބަސް ނުކެރި، ހެދުނު ގޯސްތައް ރަނގަޅުކޮށް އެކަމުގެ މަލަމަތި ސާފުކުރަން އުޅުމަކީ ވަރަށް ހަޑި ކަމެއްކަމުގައި މުސްތަފާ ވިދާޅުވިއެވެ.
ރައީސް ޔާމީން އަށް ތާއީދުކޮށް އަލުން ގުޅުމަކީ މައްސަލައެއް ނޫން. އެކަމަކު ހައްގުބަސް ބުނަންޖެހޭ. ވައްޑެއަށް ހައްގު ބަސްބުނަން ނުކެރި މިޖެހުނީ ރައީސް ޔާމީން ކުރި ހުރިހާ ގޯސްކަމެއްގެ މަލަމަތި ސާފުކުރަން.
– މުސްތަފާ
ރައްޔިތުންގެ މަޖިލީހުގެ 18ވަނަ ދައުރުގައި، އެމަޖިލިހުގެ 12 މެމްބަރަކު ރައީސް ޔާމިންގެ ވެރިކަމުގަ ގޮޑި ގެއްލިއްޖެކަމަށް ނިންމާ މަޖިލީހަށް ވަނުން މަނާކޮށް، އަދި އޭތެރޭގެ ބައެއް މެމްބަރުން ޖަލަށްވެސް ލާފައިވެއެވެ. އަދި އެ 12 މެމްބަރުން ފަހުން މަސައްކަތް ކޮށްފައިވަނީ، އޭރުގެ އިދިކޮޅު ޕާޓީތަކާއެކީގައެވެ. މިގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި، އޭރު ޖަލުގައި ބަންދުކޮށް އަދި، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ހިންގުނު ސިޔާސީ ހަރަކާތްތަކުގައިވެސް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އެ 12 މެމްބަރުންނެވެ.
މީގެ އިތުރުން ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނަން އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރިޔަށް ގެންދިޔަ ރިޔާސީ ކެމްޕޭނުގައާއި އަދި އާ ސަރުކާރެއް އެކުލަވާލާ، ރައްޔިތުންގެ މަޖިލިސް ހިއްސާކުރާނެ އުސޫލުތައް ކަނޑައެޅިއިރު، 12 މެމްބަރުންގެ ދާއިރާތައް 12 މެމްބަރުންނަށް ޚާއްސަ ކޮށްދޭނެކަމުގައި 2018ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯލިޝަންގެ 4 ލީޑަރުން ވައުދުވެފައި ވެއެވެ.
މީގެތެރޭގައި، 12 މެމްބަރުން، އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދުއާއެކީގައި ބޭއްވި ބައްދަލުވުމުގައި، 12 މެމްބަރުންގެ ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު 12 މެމްބަރުން ދެއްވާނެ ކަމަށް ވިދާޅުވެ، މި ދާއިރާތަކަށް އެމްޑީޕީގެ ކެނޑިޑޭޓުން ވާދަ ނުކުރާނެކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެބައްދަލުވުމުގައި، 12 މެމްބަރުންނަށް ތިމަންމަނިކްފާނު ޚިޔާނާތްތެރި ވެއްޖެނަމަ، ތިމަންނާގެ މައިން ބަފައިންވެސް ތިމަންނާއަށް މާފް ނުކުރާނެކަމަށް ނަޝީދު ވިދާޅުވިކަމަށް 12 މެމްބަރުން މިއަދު ވިދާޅުވެއެވެ. އަދި މި ބައްދަލުވުމުގައި، ތިމަންނާ 12 މެމްބަރުންނަށް ވީ ވައުދު ނުފުއްދިކަމަށް ބުނެ، ފަހުން އެ 12 މެމްބަރުން ތިމަންނާއަކީ ޚިޔާނާތްތެރިއެކޭ ބުނާ އަޑު އަހަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވިކަމަށްވެސް މިއަދު 12 މެމްބަރުން ވިދާޅުވެއެވެ.
2019ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، 12 މެމްބަރުންގެ ތެރެއިން 19ވަނަ މަޖިލީހަށް އިންތިޚާބުވެފައިވަނީ، ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކަންޏެވެ. އަދި މީގެ ތެރެއިން ގިނަ މެމްބަރުން ތުހުމަތު ކުރާގޮތުގައި، އޭރުގެ އިދިކޮޅު ސިޔާސީ ކޯލިޝަނުން ވައުދުވިގޮތަށް، 12 މެމްބަރުންގެ ދާއިރާތަކަށް ކޯލިޝަންގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެމެމްބަރުންނަށް ގެއްލުނީ ނަޝީދު އަޑީގައި ހުންނަވައިގެން، އެދާއިރާތަކަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން، މީގެތެރޭގައި ހިމެނޭ ގިނަ މެމްބަރުން މިއަދު ތުހުމަތު ކުރަނީ، އެބޭފުޅުންނަށް ކޯލިޝަނުން ވީ ވައުދާ ޚިލާފުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ނަޝީދުކަމަށެވެ.
12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ފާޅުގައި މަސައްކަތް ކުރަމުންދަނީ ސަރުކާރާ ދެކޮޅަށެވެ. އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ހިމެނިވަޑައި ގަންނަވަނީ، މިސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ