ތިމާނުރުހޭ ކޮންމެ މީހަކީ "ހަރުކަށި" ވިސްނުމުގެ މީހެއްކަމަށްދެކި، އެމީހަކާއި ގުޅުވައިގެން އެފަދަ ވާހަކަތައް ދެއްކުމަކީ މުޖުތަމަށް އޮތް ނުރައްކާލެއް ކަމުގައި ޝައިޚު އަނީލް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުޅެނީ ފިކުރީ ގޮތުން ހިޔާލު ތަފާތުވުމެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ރުއްސަން މަސައްކަތްކުރެއްވުން ރައީސް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައެވެ. ނަޝީދުގެ މިވާހަތައް ބޮޑަށް އަމާޒު ކޮށްފައިވަނީ ވެރިކަން ކުރަ ކޯލިޝަންގައި އަދާލަތު ޕާޓީއާއިއެކު ރައީސް ޞާލިހު މާބޮޑު ގުޅުންބާއްވާތީއެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ނަޝީދަށް އަމާޒުވެފައެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި، ސިޔާސީ މީހުންވެސް ހިމެނެއެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ޝައިޚު އަނީލް ވިދާޅުވީ ސިޔާސީ ގޮތުން ނަަވެސް އަދި އެނޫން ގޮތަކުން ނަމަވެސް ތިމާ ނުރުހޭ ކޮންމެ މީހަކާއި ދިމަލަށް "ހަރުކަށި" ފިކުރުގެ މީހެކޭ ބުނެ ވާހަކަ ދެއްކުމަކީ އެކަމުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމެއްނޫންކަމަށެވެ. އެކަމުގެ ސަބަބުން އަސްލު ހަގީގީ ހަރުކަށި ފިކުރުގެ ނުރައްކަލުން މުޖުތަމައު ސަލާމްތަ ކުރުމަށް ކުރާ މަސައްކަތަށް އިތުުރު ހުރަސްތަކެއް ކުރިމަތި ވެގެންދާނެކަމަށެވެ.
ތިމާ އެމީހަކާއިމެދު ހިތްހަމަ ނުޖެހޭ ކޮންމެ މީހަކީ "ހަރުކަށި" މީހެއްގެ ގޮތުގައި ލޭބަލްކުރާ މިބާވަތުގެ "ފިކުރު" ތަކުގެ ސަބަބުން، އަސްލު ހަގީގީ ހަރުކަށި ފިކުރުގެ ނުރައްކަލުން މުޖުތަމައުތައް ރައްކާތެރި ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ.
– ޝައިޚު އަނީލް ވިދާޅުވިއެވެ.
ނަޝީދު އަވަހަރާކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އިންޑިއާގެ "ވިއޯން" ޓިވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އޮތީ ފިކުރީ ހިޔާލު ތަފާތުވުމެއް ކަމަށާއި އެމްޑީޕީގެ އެއްބައިވަންތަކަން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަށް ގަބޫލުފުޅު ނުުކުރެއްވޭ ކަަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ އެއްބައިވަންތަކަމުގައި. އަޅުގަނޑަކަށް ނުފެނޭ ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަކަށް. އަޅުގަނޑުމެންގެ މި ހުރީ ފިކުރީގޮތުން ހިޔާލް ތަފާތުވުމެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން.
– ނަޝީދު ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އެކަން ހުއްޓާލައްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ