ސައްތައިން ސައްތަ ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން 'އޯތެންޓިކް މޯލްޑިވްސް' ގެ ނަމުގައި ހިންގާ ފިހާރަތަކުން ޚާއްޞަ ހަދިޔާ ކާޑެއް ތަޢާރަފްކޮށްފި އެވެ.
-/200 ރުފިޔާއާއި -/500 ރުފިޔާގެ އަގުހުރި މި ހަދިޔާ ކާޑު 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް އޯތެންޓިކް މޯލްޑިވްސްގެ 3 ފިހާރައެއް ވަނީ ހުޅުވާފަ އެވެ. އެއީ މާލެއާއި، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވާފައިވާ ފިހާރައެވެ. އަދި އެއިން ކޮންމެ ފިހާރައެއްގައިވެސް ދިވެހި ފަންނުވެރި މަސައްކަތްތެރިން އުފައްދާފައި ހުންނަ ތަކެތި ވިއްކަން ބަހައްޓާފައި ހުރެއެވެ. މި އުފެއްދުންތަކަށް ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަމާލުކަންވެސް ވަރަށްބޮޑަށް ލިބެމުން އަންނަކަމަށް ބީސީސީން ބުނެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، އޯތެންޓިކް މޯލްޑިވްސްއިން ތަޢާރަފްކުރި ހަދިޔާ ކާޑުގައިވާ ޢަދަދަށް އެކާޑު ބޭނުންކޮށްގެން އޯތެންޓިކް މޯލްޑިވްސްގެ ކޮންމެ ފިހާރައަކުންވެސް މުދާ ގަނެވޭނެއެވެ.
މި ކާޑަކީ ހަދިޔާއެއްގެ ގޮތުގައި މީހަކަށް ދިނުމަށް ވަރަށް އެކަށީގެންވާ ރަނގަޅު އެއްޗެއް ކަމަށްވެސް ބީސީސީން ވަނީ ބުނެފަ އެވެ. ސަބަބަކީ އެފިހާރަތަކުން ވިއްކާ ކޮންމެ އެއްޗަކީވެސް އޭގައި ތަފާތު ކަމެއް އެކުލެވޭ ދިވެހިވަންތަ އުފެއްދުން ކަމަށްވެފައި، އެއީ ޢާންމުކޮށް ގިނަމީހުންގެ މެދުގައި މަޤުބޫލް ބާވަތްތަކުގެ ތަކެތި ކަމަށްވާތީ ކަމަށްވެސް ބީސީސީން ބުނެފައި ވެއެވެ.
މި ހަދިޔާ ކާޑު މިހާރު އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުން ގަންނަން ލިބެން އެބަހުއްޓެވެ. -/200 ރުފިޔާގެ ހަދިޔާ ކާޑެއް ވިއްކާ އަގަކީ -/250 ރުފިޔާއެވެ. އަދި -/500 ރުފިޔާގެ ހަދިޔާ ކާޑެއް ވިއްކާ އަގަކީ -/550 ރުފިޔާއެވެ. އޯތެންޓިކް މޯލްޑިވްސްގެ މާލެއާއި ހުޅުމާލޭ ފިހާރައިގައި އަޟްޙާ ޢީދާ ގުޅިގެން ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ.