ކުރީގެ ޑިފެންސް މިނިސްޓަރ، އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އުފައްދަވާ ޕާޓީއަށް އަބްދުއްރަހީމް ފާޑުވިދާޅުވެއްޖެއެވެ.
ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި މިބޭފުޅުން ކުރައްވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ކުރައްވާހާވެސް ކަމަކީ ސަރުކާރުން ފޮނުވާހާ ބިލަކަށް ތާއީދުކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދުން ކަމަށް ވިދާޅުވެ ކާނަލް ނާޒިމަށް ފާޑުވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތައް އުފައްދަނީ ގައުމާއި ރައްޔިތުންނަށް ކަމެއް ކޮށް ދިނުުމުގެ ބޭނުމަކު ނޫނެވެ. އެއީ ދެން އުފެދޭ ސަރުކާރަކުން ބައި ހޯދަން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އައު ޕާޓީ އުފައްދަނީ ރައީސް ޔާމީންގެ ބައިވެރިވުމާއެކު ކަމަށް ކުރެވޭ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމުގައި ވިދާޅުވިއެވެ. ރައީސް ޔާމީން ސިޔާސީ މަަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަކީ ގައުމީ ފިކުރުގެ ދެ ޕާޓީ ކަމަށާ އެ ފިކުރުން ނޫނީ ގައުމަށް ތަރައްގީ އާއި ކުރިއެރުމެއް ނެތް ކަމަށެވެ. ސަރުކާރު ކޯލިޝަންގައި ތިއްބެވި ލީޑަރުންނާއި ކޯލިޝަނަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ އެ ލީޑަރުން އަމިއްލަ އެދުމަށް ކޮންމެ ކަމެއްވެސް ކުރައްވާފާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑީލެއްގައި ޖެހިވަޑައިގެން ދީލާނުލައްވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމް އާއި އެމްޑީޕީ ބައިވެރިވާ ކޯލިޝަނެއް އުފައްދާ ސަރުކާރު ހިންގަން ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް އަދި ރައީސް ޔާމީންގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަަމަށްވެސް ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ