ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީ ކުންފުނިން ނިންމައި އެޗްޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ސީއެމްސީން ކޮށްފައި ވަނީ ސްޓެލްކޯގެ އެހީތެރިކަމާ އެކުއެވެ. ސްޓެލްކޯއާ ހަވާލު ކުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ވަނީ މި މަހު 12 ގައި ނިންމާލައިފައެވެ.
ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މި މަސައްކަތުގައި ސްޓެލްކޯއިން ކުރަންޖެހޭ ކަންކަން ވެސް ވަނީ ނިންމާލައިފައެވެ. ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާ އިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް 17 ޓްރާންސްފޯމަރު ސީއެމްއީސީން ބަހައްޓައި ވަނީ ނިންމައިފައެވެ.
ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައި ނިމުނު އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ. މި ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފައެވެ.
ކޮމެންޓު ފޮނުވާ