އޭއެފްސީ ކަޕުގެ ގްރޫޕް ޑީ ގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުޞަތު އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ.
މިއީ ރާއްޖެއިން މި މުބާރާތް ބާއްވަން ބިޑްކޮށްގެން އެކަން ކާމިޔާބުކުރި ތިން ވަނަ ފަހަަރެއެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ރާއްޖޭ ހިމެނޭ ޓީމުތަކުުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޭރު ހޯސްޓް ކުރުމުގެ ފުރުޞަތުވެސް ރާއްޖެއަށް ލިބުނެއެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ މެޗުތައް ކެންސަލް ކުރީއެވެ.
އޭގެ ފަހުން މިއަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުރިޔަށް ގެންދާނެ ޤައުމެއް ކަނޑައެޅުމަށް ބިޑަށް ހުޅުވާލުމުން ރާއްޖެއިން ވަނީ މުބާރާތް ބާއްވަން ބިޑްކޮށްފައެވެ. އެ ފަަހަރު އިންޑީއާ އާއި ވާދަކޮށް ރާއްޖެއިން ވަނީ ބިޑް ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރު ދިމާވި މައްސަލައަކީ އިންޑިއާގެ ބެންގަލޫރް އެފްސީ ރާއްޖެ އައިސް އޭއެފްސީ ކަނޑައަޅާފައިވާ ޕްރޮޓޮކޯލް އާއި ހިލާފުވުމުން އެވަގުތު މުބާރާތް ކުރިޔަށް ނުގެންދެވޭނެކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެފްއޭއެމުން ޖެހުނީ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް މުބާރާތުގެ މެޗުތައް ފަސްކޮށްދިނުމަށް އޭއެފްސީގައި އެދޭށެވެ.
މުބާރާތް ބާއްވަން މަދު ދުވަސް ކޮޅަކަށްވެފައި އޮތްވާ ރާއްޖޭގައި މުބާރާތް ނުބޭއްވޭނެކަމަށް އެވަގުުތު އެންގުމުން އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި މި ކަމުގައި ރާއްޖެއަށް އަދަބެއް އަންނާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ޑީ ގެ މެޗުތައް ބާއްވަން ތިން ވަނަ ފަހަރަށް ރާއްޖެއިން ބިޑް ކުރީ އެންމެ ފަހު ވަގުތުގައެވެ. މިފަހަރު ރާއްޖެއިން ބިޑް ކާމިޔާބުކުރިއިރު ބަންގްލަދޭޝް އިންވެސް ފަހު ވަގުތު މުބާރާތް ބާއްވަން ބިޑްކުރިއެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ޑީ ގެ މެޗުތައް ރާއްޖޭގައި އޮންނާނީ އަންނަ އޮގަސްޓް މަހުގެ 18، 21، އަދި 24 ގައެވެ. ގްރޫޕުގައި މިހާރު ހިމެނޭ ޓީމުތަކަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. މި ގްރޫޕުގެ ހަތަރު ވަނަ ޖާގަ ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.
ޕްލޭއޮފް މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ވާދަކުރާނީ އިންޑިއާގެ ބެންގަލޫރް އެފްސީ އާއި ރާއްޖޭގެ ކްލަބް އީގަލްސްއެވެ. މި މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެންމެ ފަހު ވަގުތު ބިޑު ހުށައެޅީ ދިވެހި ފުޓުބޯޅައަށް ދެރައެއް ނުދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުލަބުތަކުން ބޮޑު ހަރަދެއް ކޮށްފައިވުމާއެކު މުބާރާތް ކެންސަލްވެއްޖެ ނަމަ ކުލަަބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީއެވެ.