އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ރެކެން: ޚަލީލް

އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ރެކެން: ޚަލީލް

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 02:19
0

ވެރިކަން ކުރަމުންދާ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ރެކުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތަކަށް ތާއީދުކޮށް، އެ ޕާޓީގެ ޒުވާނުންގެ ގޮފިން ސަރުކާރާ ދެކޮޅަށް ނެރުނު ބަޔާނާއި ގުޅިގެން ޑރ.ޚަލީލް ވިދާޅުވީ ސަރުކާރާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލުމުން، އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ރެކުމަށް ކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަނީ އެޕާޓީއަކީ ސާފު ބައެއް ތިބި ތަނެއްގެ ގޮތުގައި ދެއްކުމަށް ކަމަށާއި، އެމްޑީޕީން ކުޅޭ މަކަރުވެރި ކުޅީގައި ދިވެހި ރައްޔިތުން ނުޖެހުމަށް ޚަލީލް ވަނީ ގޮވާލާފައެވެ.

އެމްޑީޕީ ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ރައްޔިތުންގެ މެދުގައި ދަށްވުމުން، މިހާރު އަމާޒު ހިފާފައި އެހުރީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ޕާޓީ ރެކި، ޕާޓީއަކީ ސާފު އެއްޗެއްކަން ދައްކަން. އެމްޑީޕީގެ މިއުކުޅަށް ދިވެހީން ތިބީ ހޭލާ!

– ޑރ.ޚަލީލް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވެބްސައިޓުގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތައް ބޮލައިލާ ނުޖެހުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު" ން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.

ނަޝީދު އިއްޔެ އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކޯލިޝަންގެ އެހީތެރިކަމާ އެކު މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން މިދިޔަ ހަފުތާ އިން ފެށިގެން ހުއްޓާލައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.