މޭމަހުގެ 6 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަކީ ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުރިގޮތުން ގޮއްވަލާފައިވާ ބޮމެއްކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާއި ގުޅިގެން ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ބިން ގޮވީ ރައީސް ނަޝީދުގެ ސަބަބުންކަމަށެވެ. ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ ބަސްމަގާއި އަމަލުފުޅުތައް ބެހެއްޓި ގޮތުންކަމަށް އަލްހާން ވިދާޅުވިއެވެ. މިކަން ހިނަގުމުގެ އެންމެ ބޮޑު އަސްލަކީ ވެސްޓާން ސޮސައިޓީގައި ހުރި ކަންތައްތަކެއް، ގެންނަން ނަޝީދު ކުރި މަސައްކަތުގެ ނަތީޖާކަމަށް އަލްހާން ވިދާޅުވިއެވެ.
މިހުރިހާ އެއްޗަކާއި ދެކޮޅަށް، ދިވެހި ރާއްޖޭގައި ނެތްކަމެއް ދޮން މީހުން އުޅޭގޮތަށް އުޅެންވާނޭ ކިޔައިގެން ރައީސް ނަޝީދު ވެސްޓާން ސޮސައިޓީގައި ހުރި ކަންތައްތަކެއް، ގެންނަން މަސައްކަތް ކުރެއްވުން އެއީ މިދަންނަވާ ހައްދުފަހަނަ އެޅުން މިތަނުގައި މި އުފެދުމުގެ އަސްލު ސަބަބު. ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދައްކަވަ ކަމަށްވެއްޖިއްޔާ ދީނީ ގޮތުންވެސް ހަމަ ބަޔަކު އެކަމާއި ދިމަކުރާނެ. އެހެން ވީމާ ރައީސް ނަޝީދު ޓްރިގާ ކުރަނީ. އެހެންކަމުން އަޅުގަނޑު ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެބޮން ގޮވަންޖެހުނީ.
– އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ރާއްޖޭގައި ދީނާއި ޚިލާފް ވާހަކަ ދެއްކުމާއި، އެހެން ދީންތައް ރާއްޖެ ގެނައުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން އެދޭކަމެއް ނޫންކަމަށެވެ. އަދި އެފަދަ ވާހަތައް ދެއްކުމަކީ މުޖުުތަމައުގައި އިތުރަށް ބައިބައިވުން އުފެދި މައްސަލަތައް ގޯސްވެގެންދާނެ ކަމެއްކަމަށެވެ. ދީނީ ގޮތުން ދައްކަން ނުޖެހޭ ވާހަތައް ދެއްކުމުގެ ސަބަބުން މިފަދަ ކަންތައްތައް މެދުވެރިވުމުގެ ފުރުސަތުވެސް ބޮޑުކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ އަޅުގަނޑު މިތާ އިދެގެން ދީނަށް ފުރައްސާރަކޮށް، ދީނަށް މަލާމާތްކޮށް ނުވަތަ މިރާއްޖޭގައި އެހެން ދީނެއް އޮންނަން ޖެހޭނެކަމަށް ގަބޫލު ކުރާކަމަށާއި، އަދި މިތަނުގެ މީހުން ޖިންސުވެސް ބަދަލު ކުރަންޖެހޭ ކަމަށް، އަންހެނުން ފިރިހެނުން ނަށް ބަދަލުވެ، ފިރިހެނުން ފިރިހެނުންނާއި އިނދެ، އަންހެނުން އަންހެނުންނައި އިނދެ، އަޅުގަނދު މިތާ އިދެގެން އެވާހަކަ ދައްކަން ފައްޓާފިއްޔާ އަޅުގަނޑަށް ހަމަޔަގީން އަޅުގަނޑު މިޓީވީން ނިކުންނައިރު މިތާ ބޭރުގައި މީހުން ތިބޭނެކަން ގާއުކަން. ހަމަޔަގީން އަޅުގަނޑަށް. އެހެންވީމަ ހަމަ އެކުރައްވަނީ އެކަންތައް. ދެން ދައުލަތުގެ ސެކިއުރިޓީ ލައިގެން ބަޑިހިފައިގެން ތިބި ސިފައިން ތިބެ އެހެންކީމަ އެކަން ހިނގާނީ އެހެނެއް ނޫންތޯ؟
– އަލްހާން ވިދާޅުވިއެވެ.
މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި ޒަޙަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ޒަޙަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ އިތުރު ޞިއްޙީ ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ. ހަމަލާގެ ތަހުޤީޤް ކުރިއަށްދާއިރު، އެމައްސަލައިގައި 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ