ސަރުކާރުން ވައުދުތައް ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާއި ޚިލާފުވުން: އެމްޑީޕީ ޒުވާނުންގެ ހިތްވަރު

ސަރުކާރުން ވައުދުތައް ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާއި ޚިލާފުވުން: އެމްޑީޕީ ޒުވާނުންގެ ހިތްވަރު

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 08:15
0

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް މި ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ފުރިހަމައަށް ތާއީދުކުރާކަމަށް ބުނެފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުންކަމަށެވެ. މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގާވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭންގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދުކަމަށް ވަނީ ބުނެފައެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްالله އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން މިޕާޓީގެ ޒުވާނުންގެ ހިއްވަރަށް ސާފް.

– ބަޔާނުގައި ވެއެވެ.

ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ޕާޓީގެ ޒުވާނުންގެ ހިއްވަރުން ދެކޭކަމަށް ވަނީ ބުނެފައެވެ.

މިރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, މިޕާޓީއިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެންކަމަށް ވީހިނދު, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުން ކަމުގައިވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.