މިހާރު ރައީސްގެ ހަށިފާރަވެރިއަކަށްވެ، އުގަށްވެއްޓިގެން އުޅެން މޫސަ ލަދުގަންނަންޖެހޭ: ވައްޑެ

މިހާރު ރައީސްގެ ހަށިފާރަވެރިއަކަށްވެ، އުގަށްވެއްޓިގެން އުޅެން މޫސަ ލަދުގަންނަންޖެހޭ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 04:45
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިހާރު، ރައީސްގެ ހަށިފާރަވެރިއަކަށްވެ، ރައީސްގެ އުގަށް ވެއްޓިގެން މޫސާމަނިކު އުޅުއްވުމަކީ ވަރަށް ހުތުރު ކަމެއްކަމުގައި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިހާރު އޮތް ވެރިކަން ބަޣާވާތަކުން ވައްޓާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަވަރަށް ދިނުމަށް ޖާގައެއް ނުދެވޭނެ ކަމުގައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވީ މޫސަ މިފަދަ ވާހަކަ ދެެއްކުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށެވެ. މޫސައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އަޔަނުދޭން މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު ވެރިކަން ލިބުމުން ކުއްލިއަކަށް އުގަށްވެއްޓި އުޅުމަކީ ހުތުރު ކަމެއްކަމަށެވެ.

ލަދެއް ހަޔާތެއްނެތި ހަށި ފާރަވެރިއަކަށް ހެދިގެން، އުގަށްވެއްޓި، މުނާފިގު ވިޔަސްތީ ބޮޑުވަރު. އިބްރާހިމް މުހައްމަދު ޞާލިހު ރައީސްކަމަށް އިންތިޚާބުވިޔަ ނުދިނުމަށް މޫސަ މަނިކު އަމަލާއި ބަހުން މަސައްކަތްކުރިއިރު، އިބްރާހިމް މުހައްމަދު ޞާލިހު ރައީސްކަމުގެ މަޤާމަށް ގެނައުމުގެ ބޮޑުހިއްސާއަކީ މުހައްމަދު ނަޝީދު ދެއްތޯ. މިއީ ހަގީގަތް.

– ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ މިވާހަތަކާއި ގުޅިގެން މޫސަވަނީ ވައްޑެއަށް ހޫނު ރައްދު ތަކެއް ދީފައެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ކަންކަމުގެ ތެރެއަށް ބޯނުބާނައި ވައްޑެ ރަނގަޅުވާނީ ޑީއާރުޕީގެ ކަންކަމާއި އުޅުންކަމަށެވެ. މިހާރުވެސް އެމްޑީޕީގެ ވާރިސުންނަކީ ކޮބައިކަން ކަނޑައަޅާއިރު އޭނާގެ ނަން އޮންނާނެކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ވައްޑެ މާބޮޑަށް ރައީސް ނަޝީދުވެގެން އުޅުއްވާއިރު، ވައްޑެއަކީ ރައީސް ނަޝީދަށް 2013 ވަނަ އަހަރު ވެރިކަން ލިބުމުންވެސް ކޯޓަށްގޮސް ވެރިކަން ނަޝީދަށް ނުދިނުމަށް ހަޑިހޭވި މީހެއްކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ އެމްޑީޕީތެރެ ބައިބައިކޮށް ވެރިކަމާއި ކުޅެން ކަމަށާއި، ހިލާ މިފަހަރު އެފުރުސަތު ނުދެއްވާނެކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ކަންކަމުގެ ތެރެއަށް ބޯ ނުބާނައި ޑީއާރުޕީއަށް ހެޔޮގޮތެއް ވޭތޯ ބައްލަވާ އެމްޑީޕީގެ ވާރިސުން ސާބިތުކުރާއިރު އަޅުގަނޑުގެ ނަން އޮންނާނެ. ވަރަށް ސަލާމް. މިއަންނަ ދައުރަށް މަޖިލީހަށް ކުރިމަތި ލައްވާތި. ވައްޑެ މިއަދު ތިހިރީ ރައީސް ނަޝީދުވެފަ މާބޮޑަށް. 2012 ގެ ހަރާން ބަޣާވާތްކޮށް އެތައް އަނިޔާއެއްކޮށްފަ 2013 ގައި ރައީސް ނަޝީދު ހޮވުނީމަވެސް ސްޕްރީމް ކޯޓަށް މައްސަލަ ހިފައިގެން ވަދެ އިންތިޚާބު ހޭއަރުވާލާފަ މިހާރު ތިހުރީ އެމްޑީޕީ ބައިކުރަން އަރުވާޖަހާފައެއްނު. މިފަހަރު ކާމިޔާބުވިޔަ ނުދޭނަން. ވަރަށް ސާފުކޮށް މިބުނީ.

– މޫސަ ވިދަޅުވިއެވެ.

މޫސާ މަނިކަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޚިޔާލު ތަފާތުވުމުން ޕާޓީން ވަކިކޮށްފައިވާ މެމްބަރެކެވެ. މޫސައަކީ 2012 ވަނަ އަަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުންވެސް އެކަމާއި އެންމެ ބޮޑަށް އަޑުއުފުލައި، މަގުތަކަށް ނިކުމެ މުޒާހަރާކުރި އެކަކެވެ. ރައީސް ނަޝީދުގެ ދިފާއުގައާއި، އެމްޑީޕީގެ ދިފާއުގައި މޫސަ ކުރި މަސައްކަތް ބަލައި ނުގަނެ މޫސަ ޕާޓީން ބޭރުކޮށްލާފައިވަނީ ރައީސް ނަޝީދުގެ ބާރު ޕާޓީތެރެއިން ނެތިދާނެކަމަށް ބަލާފައިކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.