ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާއިއެކު ފޮރުވިގެންތިބެ ކުރި އެތައްކަމެއް ހާމަވެ، ފަލީހަތް ވެފައިވާކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު އަނެއްކާވެސް ވިދާޅުވެފައެވެ. ނަފްރަތުގެ ބިލު ފާސްކުރުމަށް ދެކޮޅު ހައްދަވާތީ ރައީސް ނަޝީދު އިންތިހާއަށް ކޯފާވެ، ރައީސް ޞާލިހުއަށާއި، ސަރުކާރަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މިކަމާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ ނަފްރަތުގެ ސެކިއުލާ ބިލު ވެގެން ގޮސްފައިވަނީ ފޮރުވިގެންތިބެ ކުރަން މަސައްކަތް އެތައްކަމެއް ކަޝްފުވެ، އެކަންކަން ހާމަވެގެން ގޮސްފައިވާ ބޮޑު ފަލީހަތެއްގެ ގޮތުގައިކަމަށެވެ.
ނަފްރަތުގެ ސެކިއުލާ ބިލް ވެގެން މި ދިޔައީ ފޮރުވިގެންތިބެ އެތައް ކަމެއް ކަޝްފުވެ، ހާމަވެގެން ދިޔަ ބޮޑު ވެގެންވާ ފަލީހަތަކަށް.
– އަލީ ރަމީޒު ވިދާޅުވިއެވެ.
މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްތް ހަމަލާއަށްފަހު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރައްވަމުންދާ ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕަކީ ޑިޕްލޮމަސީއަށް ތާއީދުކުރާ ބައެއްކަމަށެވެ. އަދި އެހިއްތަވަރު އެމްޑީޕީގެ ލީޑަރޝިޕްގައި ހުންނާނެކަމަށެވެ. އެމްޑީޕީން މައިގަޑު އަސާސަކީ މިނިވަކަމާއި، ކަހަމަހަމަ ކަމާއި، އިގްތިޞާދީ ކުރިއެެރުން ހޯދުންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު މަޖިލީހުގެ ނިމިގެންދިޔަ ދައުރުގެ ތެރޭގައި ފާސްކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުން މިބިލް އަލުން ކޮމެޓީއަށް ފޮނުވައިގެން ގިނަ އިސްލާހުތަކެއް ގެނައުމަށް ބޭނުންވުމުން ބިލު ވަނީ އަލުން ކޮމެޓީއަކަށް ފޮނުވާފައެވެ. މިބިލުގެ މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިބިލާއިކު މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.
ކޮމެންޓު ފޮނުވާ