ޤާނޫނުގެ ދަށުން ފުލުހުންނާ ގުޅޭ ހަތަރު ގަވާއިދަކަށް އަމަލުކުރަން ފަށައިފި

ޤާނޫނުގެ ދަށުން ފުލުހުންނާ ގުޅޭ ހަތަރު ގަވާއިދަކަށް އަމަލުކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 01:46
0

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަވަންޖެހޭ ހަތަރު ގަވައިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގެޒެޓްކޮށްފައިވާ ހަތަރު ގަވައިދަކީ ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ގަވާއިދަކާއި، ލިޔެކިޔުން ކްލެސިފައި ކުރުމުގެ ގަވާއިދަކާއި، ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދެއްގެ އިތުރުން ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދެކެވެ.

ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭނެ ޗުއްޓީގެ ބާވަތްތަކާއި ޗުއްޓީގެ މުއްދަތާއި ސަލާމް ބުނުމާއި ސަލާމް ބުނެވޭނެ ހާލަތްތަކާއި ގޮތްތައް އަދި ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެވެ.

ފުލުހުންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ގަވާއިދަކީ ފުލުހުންގެ ވަސީލަތްތަކާއި ސާމާނުތައް ބޭނުންކުރުމުގެ ހަމަތަކާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބެލެހެއްޓުމާއި އެތަކެތީގެ ބޭނުން ހިފުމާ ގުޅޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ގަވައިދެވެ.

ރަސްމީ ލިޔުންތައް ކްލެސިފައި ކުރުމުގެ ގަވާއިދަކީ ފުލުހުން ބޭނުންކުރަމުންދާ ލިޔެކިޔުމާއި ތަކެއްޗާއި ތަންތަނާއި އާލާތްތައް ކްލެސިފައިކޮށް ބޭނުންކުރުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅައިދޭ ގަވައިދެ އެވެ. އަދި ރަސްމީ ލިޔުންތައް ކަނޑައެޅުމާއި ލިޔުންތައް ގިންތި ކުރުމާއި އެކު އެފަދަ މައުލޫމާތު ސިއްރުކުރުމާއި އަދި ހާމަކުރެވޭނެ މިންގަނޑުތައް ވެސް މިގަވައިދުގައި ކަނޑައަޅައިދެ އެވެ.

ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ގަވާއިދަކީ ތަމްރީންގެ ސިޔާސަތުތަކާއި، އުސޫލީ މިންގަނޑާއި، ކިޔަވައިދޭ މީހުންގެ ޝަރުތުތަކާއި، ފުލުހުންގެ ތަމްރީން މަރުކަޒުތައް ގާއިމުުކުރުމާ ބެހޭ ގަވައިދެވެ.

މިޤާނޫނަކީ މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވި ޤާނޫނެެކެވެ.

މި ޤާނޫނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ޙުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށް ވުޖޫދަށް ގެނެސްފައިވާ ޤާނޫނެކެވެ. މީގެ އިތުރުން ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށްވެސް މި ޤާނޫނު ބާރުއަޅައެވެ.

ފުލުހުންގެ ޚިދުމަތުގެ މިޤާނޫނަކީ، ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެކުލަވާލެވި އަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.