ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްތް ހަމަލާއަށްފަހު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރައްވަމުންދާ ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕަކީ ޑިޕްލޮމަސީއަށް ތާއީދުކުރާ ބައެއްކަމަށެވެ. އަދި އެހިއްތަވަރު އެމްޑީޕީގެ ލީޑަރޝިޕްގައި ހުންނާނެކަމަށެވެ. އެމްޑީޕީން މައިގަޑު އަސާސަކީ މިނިވަކަމާއި، ކަހަމަހަމަ ކަމާއި، އިގްތިޞާދީ ކުރިއެެރުން ހޯދުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެފަހުން މާލޭގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮންގޮއްވުމުގެ ހަމަލާއަަކީ އެމަނިކުފާނަށް އަމާޒުވި ހަމަލާއެއް ކަމަށްވިޔަސް މީގެ އަޑީގައިތިބި މީހުންނާއި، ހަމަލާގެ އަސްލަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބައެއްކަން ސަރުކާުންގަބޫލުކުރާކަމަށެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ އިޖާބައެއްދޭތަނެއް ނުފެންނަކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ހުއްދަ ކުރުމަށް މީގެކުރިން ފަތުވާތައް ނެރެފައިވާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހައްދު ފަހަނަ އަޅާފައިވާ އިސްލާމިސްޓުން، އެކަމުން ހިތްވަރުލިބި މީހުން މަރައި، އެކަން އާންމުވިކަމަށެވެ. އެގޮތުން ޑރ.އަފްރާޝީމް އަލީއާއި، ޔާމީން ނަޝީދާއި، ރިޞުވާންގެ މަރުގެ ހާދިސާތަކަކީ މިކަންކަމުން ހިއްތަވަރު ލިބިގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ނަފްރަތުގެ ބިލު ހުށަހެޅުމަށްފަހު ސަރުކާރު ކޯލިޝަންގައި ހިމެނޭ ނުފޫޒު ގަދަ އަދި އެންމެ ކުޑަ ޕާޓީގެ ފަތުވާއަށް ހެއްލި މިބިލަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިބިލަށް ތާއީދު ކުރި ސިޔާސީ މީހުންނަށް ބިރުވެރިކަން އިންތިހާއަށް އޮތްކަމީ ފެންނަ މަންޒަރުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިބިލަށް ސަރުކާރުން ތާއީދުނުކުރާނަމަ އެމަނިކުފާނުގެ ތާއީދު މިސަރުކާރަށް ނޯންނާނެކަމަށެވެ.
ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހިސާން ބިލު މަޖިލީހުގެ ނިމިގެންދިޔަ ދައުރުގެ ތެރޭގައި ފާސްކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުން މިބިލް އަލުން ކޮމެޓީއަށް ފޮނުވައިގެން ގިނަ އިސްލާހުތަކެއް ގެނައުމަށް ބޭނުންވުމުން ބިލު ވަނީ އަލުން ކޮމެޓީއަކަށް ފޮނުވާފައެވެ. މިބިލުގެ މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިބިލާއިކު މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.
ކޮމެންޓު ފޮނުވާ