މީގެ 9 މަސްދުވަސް ކުރިން، ލުބުނާނުގެ ބަޑުވަޒީރުގެ މަގާމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ނަން ފާސްކޮށްފައިވާ، ސާދު ހަރީރީ، އެގައުމުގެ ރައީސާދެމެދު އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފިއެވެ.
2019ވަނަ އަހަރު ލުބުނާނުގެ ޕޯޓުގައި ހިނގި ވަރުގަދަ ގޮވުމުގެ ހާދިޔާއަށްފަހު ސިޔާސީ ގޮތުންނާއި އިގްތިސާދީގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް، ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދިނުމާއެކު، އެގައުމު އަނެއްކާވެސް، ބޮޑެތި ހަމަނުޖެހުމެއްގެ ތެރެއަށް ވެޓިގެން ދާނެކަމަށް ބެލެވެއެވެ.
ލުބުނާނު މިހާރުވެސް އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތްއިރު، އެގައުމުގެ ހާލަތު ވޯލްޑް ބޭންކުން ސިފަ ކޮށްފައިވަނީ، ފާއިތުވި 150 އަހަރުގެ ތެރޭގައިވެސް، ދުނިޔޭގައި ކުރިމަތު ވެފައި ނުވާފަދަ އިގްތިސާދީ ކާރިސާއެއްގެ ގޮތުގައެވެ.
"ރައީސާއެކީ އެއްބަސް ވުމަކަށް ނާދެވޭނެކަން ވަރަށް ބޮޑަށް ސާފު،" ލުބުނާނުގެ ރައީސް މައިކަލް އައުންއާއެކު ބޭއްވުނު 20 މިނިޓްގެ މަޝްވަރާތަކަށްފަހު، ސާދު ހަރީރީ ވިދާޅުވެފައި ވެއެވެ.
ލުބުނާންގައި އާސަރުކާރެއް އެކުލަވާލުމުގައި އުފެދިފައިވާ ޚިޔާލުތަފާތު ވުންތަކަށް ހައްލެއް ނައިސް، ކުރެވެމުންދާ މަޝްވަރާތައް 2 ހަފްތާ ވަންދެން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، ލުބުނާނުގެ އެންމެ އެކުވެރި އެއް ގައުމު ކަމުގައިވާ މިސްރަށް ކުރެއްވި ކުރު ދަތުރުފުޅަކަށްފަހު، މަޝްވަރާތައް އަލުން ފެށުމަށްޓަކާ ހަރީރީވަނީ މިފަހްތާގެ އަންގާރަ ދުވަހުވެސް އެގައުމުގެ ރައީސް އައުންއާއި ބައްދަލު ކުރައްވާފައެވެ.
އާ ސަރުކާރު އެކުލަވާ ލުމަށްޓަކާ 24 ވަޒީރުންގެ މައްޗަށް އެކުލެވޭ ކެބިނެޓެއް ހަރީރީ ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ. އަދި ވިދާޅުވެފައިވަނީ ކެބިނެޓާ ގުޅޭގޮތުން އެގައުމުގެ ރައީސް އައުންގެ ޖަވާބެއް ބުރާސްފަތި ދުވަހުގެ ކުރިން ބޭނުންވާ ކަމުގައެވެ.
އުމުރުން 51 އަހަރުގެ ހަރީރީ ވަނީ، 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައިވެސް އެގައުމުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެފަހަރު އޭނާ އިސްތިއުފާ ދެއްވާފައިވަނީ، ލުބުނާނަށް އިސްލާހީ ބަދަލު ގެނައުމަށް ގޮވާލާ މުޅި ގައުމުގައި ކުރިޔަށްދިޔަ މުޒާހިރާތަކާ ގުޅިގެންނެވެ.
އޭގެ އެއް އަހަރުފަހުން، ލުބުނާނުގެ އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވަނިކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުންވަނީ އަނެއްކާވެސް އޭނާގެ ނަން ބޮޑުވަޒީރުކަމުގެ މަގާމަށް ހުށަހަޅާ ފާސްކޮށްފައެވެ. އެއީ އެގައުމުގައި ހިގި، ކެމިކަލް ގުދަނެއް ގޮވުމުގެ ބޮޑު ހާދިސާގެ މަދު މަސްތަކެއް ފަހުންނެވެ.
ކޮމެންޓު ފޮނުވާ