ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތު ގަބޫލުކޮށް، ސިޔާސީ ގޮތުން މަސައްކަތް ކުރެއްވުމަށް ވަޑައިގެންނެވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދީފިއެވެ.
މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔަމީނަކީ ޤައުމީ ފިކުރެއްގެ ހަރުދަނާ ސިޔާސަތެއްގެ ވެރިއެއްކަަަމަށެވެ.
ރައީސް ޔާމީނަކީ އިރުއިރުކޮޅާ ނިޒާމު ބަދަލުކޮށް، އިސްލަމް ދީނާއި، ދިވެހިންގެ އަގީދާއާއި ޚިލާފަށް މަސައްކަތް ކުރައްވާނެ އެއްވެސް ސިޔާސަތަކަށް ތާއީދު ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ޕީޕީއެމްއާއި ގުޅެން ބޭނުންނަމަ ފަރިތަވާންވީ ޕީޕީއެމްގެ ސިޔާސަތުތަކަށް ކަމުގައެވެ.
އަޅުގަނޑު ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސިޔާސަތާއި، ރައީސް ނަޝީދުގެ ސިޔާސަތާއި ވަރަށް ތަފާތު. ރައީސް ޔާމީންގެ ސިޔާސަތާއި، ރައީސް ނަޝީދުގެ ސިޔާސަތު ވަރަށް ތަފާތު. މިދެބޭފުޅުންގެ ސިޔާސަތަކީ ވަރަށް ތަފާތު ސިޔާސަތެއް. އަޅުގަނޑުމެން ދައުވަތު މިދެނީ ރައީސް ނަޝީދު އަޅުގަނޑުމެން، ރައީސް ޔާމީންގެ ސިޔާސަތު ގަބޫލުކޮށް އައުމަށް.
– ޝިޔާމް ވިދާޅުވިއެވެ.
ރައީސް ނަޝީދުއާ އެކު ޕީޕީއެމް އާއި ޕީއެންސީ ލީޑާޝިޕުން ޑީލެއް ނުހަދާނެ ކަމަށް އިދިކޮޅު ލީޑާޝިޕްއިން އަބަދުވެސް ދައްކާ ވާހަކަ ތަކުރާރުކޮށް ޝިޔާމް މިއަދު ވެސް ވިދާޅުވިއެވެ.
އިސްލާމް ދީނާއި އަޅުގަނޑުމެން ދެކޭ ގޮތާއި، ގައުމުގެ މިނިވަން ކަމާއި އިގްތިސާދު އަރާސްތު ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތުތަކާއި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް ތަފާތު، އެކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް.
– ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ތެރޭގައި ބޮޑު ބައިބައި ވުމެއް އުފެދިފައިވާ މިހާލަތުގައި ރައީސް ޔާމީންގެ ސިޔާސީ މަގުބޫލުކަން ދަނީ އިތުރަށް ބޮޑުވަމުންނެވެ. އަދި ސިޔާސީ ގޮތުން ރައީސް ޔާމީންގެ އަތުގައި ހިފުމަށް ކުރާ މަަސއްކަތުގައި ސިޔާސީ ޑީލެއްގެ ތެރެއިން ޖަލުން މިނިވަން ވާން ރައީސް ޔާމީން ބޭނުން ނުވާކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.