ޝާލްކޭ ބަލިކޮށް ލީޕްޒިގުން ތާވަލުގެ އެއްވަނައަށް

ޝާލްކޭ ބަލިކޮށް ލީޕްޒިގުން ތާވަލުގެ އެއްވަނައަށް

Author
ހުސައިން
04 އޮކްޓޯބަރ 2020 11:23
0

ޖަރުމަނު ބުންޑަސްލީގާގާއި ޝާލްކޭ ބަލިކޮށް ތާވަލުގެ އެއްވަނައަށް އާރްބީ ލީޕްޒިގުން ޖެހިލައިފިއެވެ.

ލީޕްޒީގް މެޗު ކާމިޔާބު ކުރީ 4-0 ލަނޑުންނެވެ. ލީޕްޒީގް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑަކީ ޝާލްކޭގެ ކޭން ބޯޒޯގަން އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. އަނެއް ތިން ލަނޑު ލީޕްޒިގަށް ކާމިޔާބުކޮށްދިނީ އަނގެލީނޯ، ވިލީ އޯބަން، މާޝެލް ހެލްސްޓެން ބާގްއެވެ. މިހާތަނަށް އައިރު ލީގުގައި ލީޕްޒިގް ވަނީ ދެމެޗު ކާމިޔާބުކޮއްފައެވެ. އަދި މިސީޒަންގައި ޝާލްކޭއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ލީގުގައި ހަމަ މިނަތީޖާއިން ރޭ ބުރޫޝިޔާ ޑޯޓްމަންޑް ވަނީ ފެރިބާގް ބަލިކޮށްފައެވެ. އަނިޔާގެ ސަބަބުން މިމެޗުގައި ވެސް އިނގިރޭސި ޒުވާން ފޯވާޑް ޖޯޑަން ސަންޗޯ އަށް ވަނި ކުޅެވޭ ގޮތް ނުވެފައެވެ. ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކުރީ 4-0 ލަނޑުނެވެ. 11500 މީހުން ކުޅިބަލަން ވަތް މެޗުގެ ޑޯޓްމަންޑްގެ އާލިން ހާލަންޑް ވަނީ ދެލަނޑުޖަހާފައެވެ. މިއީ މިހާތަނަށް ޑޯޓްމަންޑަށް ލީގުގައި އެނާ ކުޅެދިން 18 މެޗުގެ ތެރެއިން ކާމިޔާބުކޮއްދިން 17 ލަނޑެވެ. އެނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އެމްރީ ކޭން އާއި ފެލިކްސް ޕާސްލެކްއެވެ. ލީގުގައި އެންމެ ފަހުން އޮގްސްބާގް އަތުން ބަލިވި ޑޯޓްމަންޑް ވަނީ ހުސްވި ހަފްތާގައި ޖަރުމަނު ސުޕަކަޕުގައި ބާޔާން މިއުނިކް އަތުން ވެސް ބަލިވެފައެވެ. މިއީ މި ސީޒަނުގައި ލީގުގައި އެޓީމު މޮޅުވި ދެވަނަ މެޗެވެ.

ރޭ މެޗަށް ނުކުތްއިރު ތާވަލުގެ އެއްވަނައިގަ އޮތް ހޮފެންހަމް ވަނީ އެންޓްރެޗް ފްރެންކްފާޓް އަތުން ބަލިވެ މަގާމް ދިފާއު ކުރެވޭ ގޮތް ނުވެފައެވެ. ފްރޭންކްފާޓް މެޗުން މޮޅުވީ 2-1 ލަނޑުނެވެ. ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ވީއެފްބީ ސްޓުރްޓްގާޓް އާއި ބަޔާ ލެވަކޫސަން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ބުރޫޝިޔާ މޮންހަލްބަޗް ވަނީ އެފްސީ ކުލޯންގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދާފައެވެ.

ރޭގެ ނަތީޖާ ތަކާއެކު ލީގު ތާވަލުގެ އެއްވަނަ އަދި ދެވަނައަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ލީޕްޒީގް އެއްވަނައިގައި އޮތްއިރު ދެވަނައިގަ އޮތީ ފްރެންކްފާޓެވެ. ރޭގައި ހޯދި މޮޅަށްފަހު ޑޯޓްމަންޑު ވެސް ލީގުގެ ތިންވަނައަށް ޖެހިލާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.