ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާތީ އެއަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅައި ފަރުމާކޮށްފައިވާ ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ބޭނުންކުރަން ރެޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ މި ލޯގޯ ފުޅާދާއިރާއެއްގައި ބޭނުންކުރުމަކީ މިނިސްޓްރީ އިން މަރުހަބާ ކިޔާކަމެއްކަމަށެވެ. މިގޮތުން، ލޯގޯ ފަތުރުވެރިކަމުގެ އެކިއެކިކަންކަމުގައި އާއި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިލޭ ބެހުމަށް ތައްޔާރުކުރެވޭ ތަކެތީގައި ބޭނުންކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައިކަމަށެވެ. ނަމަވެސް ލޯގޯ ބޭނުންކުރަންވާނީ، މިކަމަށްޓަކައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން، ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިނާއި، މިންގަޑުތަކާއި އެއްގޮތަށް ކަމުގައި ޓުވަރިޒަމް މިނިސްޓްރީން ބުނެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ބޭނުންކުރުމަށް ރަޖަސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، ލޯގޯ ބޭނުންކުމަށް ރަޖިސްޓަރީ ކުރުމަށް އެދިލައްވާނެ އެޕްލިކޭޝަން ފޯމް، "ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯބޭނުންކުރުމަށް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" އަދި ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމުގައި ވަނީ ބުނެފައެވެ.
ލޯގޯ ވިޔަފާރި އުސޫލުން ބޭނުންކުރެވޭނީ މިކަމަށްޓަކައި މިމިނިސްޓްރީއިން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންކަމުގައިވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާތީ އެއަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅައި ފަރުމާކޮށްފައިވާ ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ އިފްތިތާހު ކޮށްފައިވަނީ މިއަހަރު މާރޗްމަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ