ނަފްރަތު ބިލާއި ދެކޮޅަށް މުޅި ޤައުމު ތެދުވާންޖެހޭ: ޒައިދު

ނަފްރަތު ބިލާއި ދެކޮޅަށް މުޅި ޤައުމު ތެދުވާންޖެހޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2021 09:54
0

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު ބިލާއި ދެކޮޅަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ތެދުވާންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ ހޮޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުން ބަންދު ވެގެންދާނެކަމުގައި އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. ބިލާއިމެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވިސްނުންހުރީ މިދައުރުގެ ތެރޭގައި ބިލް ފާސްކުރުމަށެވެ.

ޒައިދު ވިދާޅުވީ މިބިލަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް އޮތް ބިލެއްކަމަށެވެ. އިސްލާމް ދީނުމުގެ އުސޫލުތަކާއި، ޚިލާފަށް ހަދާ މިބަލީ ޤައުމުގެ ހަމަޖެހުމާއި، އަމާންކަން ގެއްލި ބައިބައިވުން އުފެދުމުގެ ފުރުސަތު އޮތް ބިލަކަށްވުމުން، މިބިލާއި ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވެ ބަސްބުނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ނަފްރަތު ބިލާއި ދެކޮޅަށް މުޅި ޤައުމު ތެދުވާންޖެހޭ! ދީނުގެ އުސޫލުތަކާއި ޚިލާފަށް ހަދަން މިއުޅޭ ބިލަކީ ރަތް ރޮނގެއް! އިސްލާމީ ހުކުމް ތަކަށް ޝައްކު އުފައްދައި ޤައުމު ބައިބައިވާ ގޮތަށް މަގުފަހިވެފައިވާ ބިލު، އިސްލާހު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ބަސް އަހަންޖެހޭ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިބިލަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް “ޚަބަރު އޮންލައިން” އަށް ވަނީ ލިބިފައެވެ. އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ޚިލާފަށް އުޅޭ މީހެއްކަމަށް ނުވަތަ ދީނާއި ދެކޮޅު މީހެއްކަމަށް ބުނެފައިވާ މާއްދާގައި މިހާރު އިސްލާހު ކުރަން ހުށަހަޅާފައިވާ މާއްދާ އޮތްގޮތުން ދީނާ ޚިލާފު ވާހަކަ ދައްކާ ދީނަށް ޖޯކު ޖަހާ، ކުރެހުންތައް ކުރަހާ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި، މުޖްތަމަޢުގައި ފާހިޝް ޢަމަލު ފަތުރާ ފަރާތްތަކާއި، ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކާއިމެދު މުޖްތަމަޢު ހޭލުންތެރި ކުރުވައި، އެމީހުންގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމަށް، އެމީހަކު އެކުރާކަމަކީ ދީނާ ޚިލާފު ކަމެއްކަމާއި، އެކަމަށް ކަނޑައެޅިފައިވާ އުޤޫބާތް ބަޔާންކުރުމާ،. އެކަމުގެ މަތީގައި ދެމިހުރެއްޖެނަމަ އޭނާއަކީ ދީނާ ދެކޮޅު މީހަކުކަން ބުނުން ކުށަކަށް ވެގެން ދާނެކަމަށެވެ.

އެކަންކުރާ މީހާއާއި، މީހުން މަރާމީހުންނާއި، އެއްޖިންސުން ގުޅުންހިންގުމަށް ގޮވާ މީހުންނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުކުރަހާ މީހުންނާއި، މާތް ﷲ އަށް ބަދުބަސް ރައްދުކުރާ މީހުންނަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ބައެއްކަން ބަޔާންކުރުން މާއްދާތަކުގެ ސަބަބުން މަނާވެގެންދާކަމަށް އިސްލާމިކް މިނިސްޓްރީގެ އިސްލާހުގައި ބުނެފައެވެ. އަދ ވަކި ފަރުދެއް ނުވަތަ ޖަމާޢަތެއްގެ ފަސާދަ ބޮޑުވެ، ފާޅުގައި ދީނާ ދެކޮޅުވެރިވެ މުޖްތަމަޢުގައި ފާހިޝްކަންކަމާއި ފިތުނަވެރިކަން ޢާންމުކޮށް ފަތުރާ މީހަކު ހުއްޓުވުމަށް ފާޅުގައި އެމީހަކާ ނުވަތަ އެޖަމާޢަތަކާ ދެކޮޅު ހެދުމަކީ އެކަމުގެ ޢިލްމު ލިބިގެންވާ މީހުންގެ މައްޗަށް އޮތް ވާޖިބެއްކަމަށް ވަނީ ބުނެފައެވެ.

އިސްލާމްދީނުގައިވާ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ ތެރެއިން އައިސްފައިވާ މި މަތިވެރި ވާޖިބަށް (މި އުންމަތް އެންމެ ހެޔޮ އުންމަތްކަމުގައި ވި ސަބަބު) މިހާރު ބިލުގެ 124 ވަނަ މާއްދާގެ 1، އަދި 2 ވަނަ މާއްދާގެ ސަބަބުން ހުރަސްއެޅި އެއީ ޤާނޫނީ ކުށަކަށް ވެގެން ދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިސްލާމީ ފޭރާން ބަލިކަށިވެ، އިސްލާމް ދީނަށްޓަކައި އޮންނަ ޣީރަތްތެރިކަން ނެތިގޮސް މުންކަރާތްތައް ލޮލުގެ ކުރިމަތީގައި ހިނގާއިރު، އެކަން މަނާ ކުރުމަށްޓަކައި ވާހަކަ ދެއްކުމަކީ ޤާނޫނީ ކުށަކަށްވެ، މުޖުމަޢުގައި ދީނަށް ދެވިފައިވާ ޙުރުމަތާއި ޤަދަރު ކުޑަވެގެން ދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރަށް މި އިޞްލާޙުތަކަކީ އިސްލާމީ ޝަރީޢަތާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤްވާމީ ހަމަތަކާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލާޒިމު ކުރާ އިލްތިޒާމުތަކާ ޚިލާފު، މުޖުތަމަޢުގައި ނަފުރަތާއި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އިސްލާޙު ތަކެއްކަމަށާއި، މިބިލު ފަރުމާކޮށްފައި އޮތް ގޮތަށް ފާސްވެއްޖެނަމަ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ މައްޗަށްއޮތް ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގެ ބަންދުވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއިގުޅޭގޮތުން އޮތް މާއްދާއާއި ގުޅިގެން މިނިސްޓްރީން ބުނެފައިވަނީ މުސްލިމަކު ކާފިރު ނުކުރެވުމުގެ (ތަކްފީރުކުރުން) އުޞޫލަކީ އިސްލާމީ ހަރުދަނާ އުޞޫލެއްކަމަށްވިޔަސް މިތަނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައި މުސްލިމުންގެ ގޮތުގައި ބަލާނެ މިންގަނޑުތަކާއި އިސްތިސްނާ ޙާލަތްތަކެއް ހިމެނިފައިނުވާކަމަށެވެ.  އެގޮތުން އަމިއްލައަށް މުރުތައްދެއްކަމަށް ނުވަތަ ފާސިޤުއްކަމަށް ނުވަތަ ކާފިރެއްކަމަށް އިޢުލާނު ކުރާ މީހުންނާމެދު މީހުން ސަމާލުކޮށް އެފަދަ މީހުންގެ ވާހަކަދައްކަންޖެހޭފަދަ ތަންތަނުގައި އެވާހަކަތައް ދެއްކުމަކީ ކުށެއްގެ ގޮތުގައި ވެގެންދާފަދަ ގޮތަކަށް މިމާއްދާ މިހާރު އޮތްކަން ފާހަގަކުރެވޭކަމަށެވެ. އަދި ކުފުރުވުން، ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކޮބައިކަމާއި، ކުފުރުވެރި ވާނެ ޙާލަތްތައް މިބިލުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ ޢަމަލުތަކަކީ (އިސްލާމޮފޯބިއާ) ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރިގެން އަންނަ ނަފްރަތުގެ އެއް ބާވަތް ކަމުގައެވެ. އިސްލާމީ ޤައުމެއްގައި ނަފްރަތުގެ ޢަމަލުތައް ކުށްވެރިކުރެވޭ ހިނދު މިކުށް ހިމަނަންޖެހޭނެ ކަމަށް ހުށަހެޅި އިސްލާހުތަކުގަިއ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.