ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ޕެޓިޝަނެއްގައި ސޮއި ކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންދާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސޮއިކުރައްވާ ޕެޓިޝަންގައިވެސް ޓްވީޓުގައި ހިމަނުއްވާފައެވެ. ރައީސް ނަޝީދު މި ޕެޓީޝަންގައި ސޮއިކުރުމަށް އެދުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ޕެޓިޝަންގައި ސޮއިކުރަމުންނެވެ.
Please sign the petition supporting criminalising hate crimes and labelling peoplehttps://t.co/QzxTOMgejh
— Mohamed Nasheed (@MohamedNasheed) June 19, 2021
ލާދީނީ ގޮވާގޮތުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުންދަނީ ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އިލްމުވެރިންގެ ގުޅުމުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ޢަމަލު ބަޔާކުރާ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި މެމްބަރު ޙިސާން ހުސައިން މި ބިލާގުޅޭގޮތުން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.
މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ