ނިޝާމާވެސް ގޮވާލެއްވީ ޝިއުނާ އިސްތިއުފާ ދެއްވުމަށް

ނިޝާމާވެސް ގޮވާލެއްވީ ޝިއުނާ އިސްތިއުފާ ދެއްވުމަށް

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 03:30
0

ކޮންމެ ފަހަރަކު އެއްވެސް ކުށެއްނެތް އެތައްބައެއްގެ ހައްގުތަކަށް އަރައިގަންނަމުންދާކަމަށް ބުނެ އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ނިޝާމާ އޭސީސީގެ ރައީސްގެ އިސްތިއުފާ އަށް ގޮވާލެއްވީ މިނިސްޓަރ މަހުލޫފްއަށް ކޮށްފައިވާ ދައުވާގެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ޕީޖީ އޮފީހުން އެކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް މައްސަލަ އަނބުރައި ފޮނުވާލުމުންނެވެ. ނިޝާމާއަކީ ކޯވިޑް-19 އާއި ގުޅިގެން ހޯދަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކުރުމަށްފަހު މަޤާމުން ވަކިކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް މިމައްސަލާގައި ނިޝާމާ ވަނީ އޭނާގެ އެއްވެސް ބައިވެރި ވުމެއްނެތްކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައެވެ.

ނިޝާމާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮންމެ ފަހަރަކު އެއްވެސް ކުށެއްނެތް މީހުންގެ މައްޗަށް ދައުވާ އުފުލައި ކަންކަން ކުރައްވަނީ ކަންކަމުގައި ހަގީގީ ބައިވެރިން އެގިތިބެ އެމީހުންގެ މައްޗަށް ދައުވާ ނުކޮށްކަމަށެވެ. މިހެން މިކަން ހެދުމުން ގުރުބާންވެގެންދަނީ ކުށެއްނެތް މައުސޫމް މީހުންކަމަށް ނިޝާމާ ވަނީ ވިދާޅުވެފައެވެ.

އޭސީސީ ރައީސް އިސްތިއުފާ ދެއްވަވާ! ލިޔެކިއުންތަކުން ފެންނަންހުރި އަސްލު ވަގުންނަށް އަދަބުދީ ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިނުދެވުނު! ކޮންމެފަހަރަކު ރައްޔިތުން ގުނބޯ ހައްދަން ކަންބަޅި ކަތިލުން ހުއްޓާލައްވާ! ތިޔަ ނިގުޅައިގަނެވެނީ ކުށެއްނެތް އެތައް ބައެއްގެ ޙައްޤު! ދެރަވަރު!

– ނިޝާމާ ވިދާޅުވިއެވެ.

އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި ނިޝާމާ އާއި ޝިޔާމާގެ އިތުރުން އޭރުގެ ހެލްތު މިނިސްޓަރުވެސް ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ކުރިންވަނީ ޕީޖީއަށް މައްސަލަ ފޮނުވާފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެއިން އެއްވެސް މީހެއްގެ މަށްޗަށް މިހާތަނަށް ދަޢުވާކޮށްފައިނުވެއެވެ. އަދި މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ކަމާގުޅުންހުރި އިދާރާތަކަށް އަމާޒުވެފައިވާއިރު އަނެއްކާވެސް އެމައްސަލަ ރިވިއުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުންވަނީ ފަށާފައެެވެ.

މިމައްސަލައިގައި އޭސީސީން ބަލަންޖެހޭ ނުވަތަ ފާހަގަވެފައިހުރުން މުހިންމުކަންތައްތަކެއް ހުރިނަމަވެސް އެކަންކަން، މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ފާހަގަކޮށްފައިނުވާކަމަށާއި އެކަމުގައި ބަލަންޖެހޭ ކަންކަން މިހާރުވެސް ބަލަމުންދާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާ، މި މައްސަލާގައި ވަރަށް އަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާޠިލުކޮށް އާބިޓްރޭޝަން މެދުވެރިކޮށް ފައިސާހޯދަން ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.