ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލެއްގެ ސަބަބުން މުޅި ޤައުމުގައި އޮތް އިސްލާމީ ވަހުދަތު ގެއްލި ދީނީ ބައިބައިވުމަކަށް ދިއުމުގެ ޖާގަ ދައުލަތުން ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހާއި ގުޅިގެން އަނާރާވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަނާރާ ވިދާޅުވީ މިފަދަ ބިލެއްގެ ސަބަބުން މުޅި ޤައުމުގައި ދީނީ ބައިބައިވުން އުފެދި، ދީނީ މައްސަލަތައް އުފެދި ބޮޑު ނުތަނަވަސް ކަމަކަށް ދިއުމުގެ ޖާގަ ސަރުކާރާއި، ދައުލަތުން ދީގެން ނުވާނެކަމަށެވެ.
އެކަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދައުލަތުން ކުރަންޖެހޭކަމަށްވެސް އަނާރާ ވިދާޅުވިއެވެ. ކޮންމެ ހާލަތެއްގައިވެސް އަބަދުވެސް އިސްކުރަންޖެހޭނީ ދީނާއި ޤައުމުކަމަށްވާއިރު، މި އަސާސްތަކުން ބޭރަށްދާ ކަންކަން ހުއްޓުވުމަކީ ދައުލަތާއި، ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއްކަމަށް އަނާރާ ވިދާޅުވިއެވެ.
ބިލަކާހެދި ޤައުމުގަ ދީނީ ބައިބައިވުން އުފެދެން ޖާގަ ދެވިގެންނުވާނެކަން ޤަބޫލުކޮށް ސަރުކާރާއި ދައުލަތުން ވިސްނަންޖެހެއެވެ. އެންމެފުރަތަމަ ދީނާއި ޤައުމެވެ.
– އަނާރާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މިބިލާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ކައުންސިލްތަކުންނާއި، އާންމު ރައްޔިތުން ބޮޑެތި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިކަމުގައި މިހާތަނަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުންވެސް އަދި މަޖިލީހުންވެސް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
މިބިލާއި ގުޅިގެން އިއްޔެއިން ފެށިގެން ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލާއި ގުޅިގެން ދީނީ އިލްމުވެރިން ބުނަމުންދަނީ މިއީ ވަކި މަގުސަދެއްގައި ހުށަހެޅިފައިވާ ބިލެއްކަމަށެވެ. އަދި މިއީ ދީނީ އެއްބައިވަންތަކަން ގެއްލި ޤައުމު ހަމަނުޖެހުމަކަށް ވައްޓާލުމަށް ސަރުކާރުން ކުރަމުންދާކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ