އަފްޣާނިސްތާނުގެ ޖަލެއްގައި ތާށިވެފައި ތިބި ދިވެހި 4 ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކުރައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިމަސައްކަތްކުރަމުން އަންނަކަމަށެވެ. ޝާފިއުގެ އާއިލާގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ މައްސަލަ އެ ކޮމިޝަނަށް ޑިސެމްބަރު 12، 2019 ގައި ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ ދިވެހި ކުދިންތަކެއް އަފްޣާނިސްތާނުގެ ޖަލެއްގައި ތިބިކަން ދިވެހި ދައުލަތަށް އެނގުމާއެކު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިކަމަށާއި އެކަމުގައި އޭރު އަފްޣާނިސްތާނުގެ ސަރުކާރުންވެސް އެއްބާރުލުން ދިންކަމަށެވެ. އެހެންނަމަވެސް އޭރު ކުދިންގެ ޢާއިލާއިން އެއްބަސްނުވެގެން ކުދިން ރާއްޖެ ގެނައުމަށް ކުރި މަސައްކަތް ހުއްޓުނުކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ. އެހެންނަމަވެސް އެއްވެސް ކުށެއް ނެތް ކުދިންތަކެއް ޖަލުގައި ތިބެންޖެހޭތީ އެކަމަށް ޙައްލެއް ގެނައުމަށް އެޗްއާރްސީއެމުން އިސްނަގައިގެން ޢައިލާއާއި މަޝްވަރާކޮށް ކުދިން ރާއްޖެ ގެނައުމަށް ޢައިލާއިންވެސް މިހާރު އެއްބަސްވެފައިވާކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
މިކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ހިއްސާކޮށް ކުދިން ގެނައުމުގެ މަސައްކަތް ކުރިއަށްދާގޮތް އެޗްއާރްސީއެމުން ބަލަމުންދާކަމަށް އެކޮމިޝަނުން ބުނެއެވެ. އެހެންނަމަވެސް ކޯވިޑްގެ ޙާލަތާއި އިތުރު ބައެއް މައްސަލަތައްވެސް ހުރުމާއެކު ކުދިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ކަމާބެހޭ މުވައްސަސާތަކުން ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައިވާކަމަށް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އަފްޣާނިސްތާނުގެ އައިސިސް ޖަމާޢާތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ 21 އަހަރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓުން ޙުކުމްކޮށްފައިވަނީ ކ.މާލޭ ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާއެވެ. މިޢާއިލާއަށް ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުޢާމަލާތު ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާއި ޚިލާފު ވާހަކަ ފަތުރަމުންދާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސް ވަނީ އިއްޔެ ބުނެފައެވެ.
ކޮމެންޓު ފޮނުވާ