241 ކޮމެޓީގެ މަަސައްކަތްތައް އޮޅުންފިލުވުމަށް މެއި 6 ކޮމެޓީން ބައްދަލުކުރަނީ

241 ކޮމެޓީގެ މަަސައްކަތްތައް އޮޅުންފިލުވުމަށް މެއި 6 ކޮމެޓީން ބައްދަލުކުރަނީ

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 09:49
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިއަށްދާ އިންކުއަރީގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުން ފިލުވުމަށް އެމްޑީޕީގެ "މެއި 6″ ކޮމިޓީން ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މުޤައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުވައި އާންމު މެމްބަރުންނައި ހަމައަށް ހަމަލާގެ ކަންކަން މިހާރު ބެލިފައިވާ މިންވަރާއި، ހާމަކުރެވެން އޮތް މައުލޫމާތެއް ހާމަކުރުމަށްޓަކައި މަޖިލީހުގެ 241 ކޮމިޓީއާއި މިމަހުގެ 23 ވަނަ ދުވަހު ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޢަފީފް ވިދާޅުވީ މިހަމަލާގެ ތަހުގީގު ހިންގާ އެންމެ އިސްފަރާތްކަމަށްވާ ފުލުހުންގެ މުއައްސަސާއާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 8 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.

ޤައުމު މަޖިލީހުގެ މި ބައްދަލުވުމުގައި އޮތީ ޖޫން 10ގައި އެކުލަވާލި "މެއި ހައެއް" ކޮމިޓީގެ މަސައްކަތްތައް ޙިއްސާކުރުމެވެ. ކޮމިޓީގެ މަސައްކަތްތައް ޙިއްސާކުރައްވަމުން އެކޮމިޓީގެ ޗެއަރޕާސަން ޙަސަން އަފީފުވަނީ މެއި 6ގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ ޓައިމްލައިނެއް ޙިއްސާކުރައްވާފައެވެ.

އަދި ހަމަލާއާގުޅިގެން ކުރިއަށްދާ ތަޙުޤީގާއި އެނޫންވެސް ކަންކަމާއި ގުޅޭ މައުލޫމާތު ހޯދައި މެންބަރުންނާއި ޙިއްސާކުރުމަށް ޕާޓީގެ ތެރެއިން ކޮމިއުނިކޭޝަން ޓީމެއް ކަނޑައަޅާފައިވާއިރު، އެޓީމުން ސޯޝަލް މީޑިއާއާއި އެނޫންވެސް ގޮތްގޮތުން އާންމުނަށް މައުލޫމާތު ފޯރުކޮށްދިނުމަށްވަނީ ނިންމާފައިކަމަށް ކޮމިޓީން ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިކޭޝަންގެ އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް ވިދާޅުވީ މިވަގުތު އެމްޑީޕީން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަނީ ދެ ކަމެއް ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތް އެމްޑީޕީން ގާތުން ބަލަމުން ދިޔުމެވެ. އަނެއްކަމަކީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ.

ޙަސަން އަފީފް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޗަނުންވެސް މިމައްސަލައާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި ހަރަކާތްތެރިނުވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮސްފައިވާކަމަށާއި، އެކޮމިޝަނުން މި ހަމަލާއާއި ގުޅިގެން މިހާތަނަށް ކޮށްފައިވާ ކަންކަން ދެނެގަތުމަށް މަސައްކަތްކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.