ނަފްރަތު ބިލު އަނބުރާ ގެންދިއުމަށް ކޯލިޝަން ލީޑަރުން ރައީސަށް އިލްތިމާސްކުރުމަށް ގޮވާލައިފި

ނަފްރަތު ބިލު އަނބުރާ ގެންދިއުމަށް ކޯލިޝަން ލީޑަރުން ރައީސަށް އިލްތިމާސްކުރުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 02:20
0

ނަފްރަތު ބިލު އަނބުރާ ގެންދިއުމަށް ކޯލިޝަން ލީޑަރުން ރައީސަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ލީޑަރުން ބުނެފައިވަނީ މިބިލް ހުށަހަޅާފައިވަނީ ކޯލިޝަންގެ އެއްވެސް ޕާޓީއަކާއި މަޝްވަރާ ކުރުމެއް ނެތިކަމަށެވެ. ކޯލިޝަންގެ ބައިވެރިން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ބިލާއިމެދު ކޯލިޝަން ލީޑަރުންގެ ކަންބޮޑުވުން އޮތްނަމަ، ބިލް އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރައްވަން ޖެހޭކަމަށެވެ.

ބިލްހުށަހަޅާފައިވަނީ މަޝްވަރާކުރުމެއްނެތި ކަމަށްވާއިރު، މިކަމުގައި ކޯލިޝަން ލީޑަރުންގެ ލަފަޔާއި މަޝްވަރާއަކީ ކޮބައިކަން ރައީސުލްޖުމްހޫރިއްޔާއަށް ސާފުކޮށްދެއްވައި މިކަމުގައި ދެކޭގޮތުން ދަންނަވަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރުމަށް، ސަރުކާރުގެ ކޯލިޝަން ލީޑަރުންނަަށް ގޮވާލަން. ބިލް ހުށަހެޅީ މަޝްވަރާނުކޮށް ކަމަށް ވާނަމަ، އިލްތިމާސް ކުރުމުގެ ފުރުސަތު އޮންނާނެ!

– އާދަމް ޝަރީފް ވިދާޅުވިއެވެ.
ބިލާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުން ފާހަގަކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެބައި އުނިކުރަން މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މި ބިލު ޙުށަހަޅުއްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރު ދީންތަކަށް މަގުފަހިކުރަންކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.